ނޫސްވެރިން ކުރިއެރުވުމަށް އަމާޒުކޮށް ޔޫތު މިނިސްޓްރީއާއި އެމް.އެން.ޔޫ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް (ޔޫތު މިނިސްޓްރީ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ދެމެދު ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ފުރުސަތުތަކެއް ފަހިކުރުމަށް މުހިއްމު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ގައުމީ ޔުނިވަރސިޓީގެ ކޮންފަރެންސް ހޯލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ވަޒީރު އިބްރާހީމް ވަހީދު ސޮއިކުރެއްވި އިރު، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އެވެ.
މި ފަހުމުނާމާގެ ދަށުން، އެމް.އެން.ޔޫއިން ޔޫތު މިނިސްޓްރީގެ ޕްރޮގުރާމުތަކަށް ވަސީލަތްތައް ފޯރުކޮށްދީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ޕްރޮގުރާމުތައް ފަރުމާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިނިސްޓްރީން ވަނީ ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގުރާމުތަކުގެ ކޯސް ފީގެ ވަކި ނިސްބަތެއް ދައްކައިދިނުމަށް ވެސް ހަމަޖައްސާފައެވެ.
މި އެއްބަސްވުމުގެ ދަށުން، ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ ޕްރޮގުރާމަކާއި، ކުރު ކޯސްތަކާއި، ޑިގްރީ އަދި ފައުންޑޭޝަން ކޯސްތައް ހިންގުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު އިބްރާހީމް ވަހީދު ވަނީ ރާއްޖޭގެ ނޫސްވެރިން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އިލްތިމާސްކުރައްވާ، މި ޕްރޮގުރާމުތަކުން ލިބޭ ތަފާތު އިލްމާއި ހުނަރުތަކުގެ ސަބަބުން ނޫސްވެރިން އުފައްދާ ކޮންޓެންޓުގެ ފެންވަރު ރަނގަޅުވެ، ދާއިރާއަށް ކުރިއެރުން ލިބޭނެކަން ފާހަގަކުރައްވާފައެވެ.


