ރަށްރަށުގެ އިޖުތިމާއީ އަދި އިޤްތިޞާދީ ޙާލަތު މަތީ ފެންވަރަކަށް ގެންދިއުމަށްޓަކައި، މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ޢުމްރާނީ ތަރައްޤީގެ މުހިންމު 22 މަޝްރޫޢެއް ހިންގުމުގެ އެއްބަސްވުންތަކުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުންތަކުގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަގުހެދުމުގެ މަސައްކަތްތަކެވެ. އެގޮތުން 8 ރަށެއްގެ މަގުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އެއީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައެވެ.
ރަށްރަށަށް ކުރިމަތިވެފައިވާ ގިރުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން 5 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ކުރިއަށްދާނީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައެވެ.
އޭގެ އިތުރުން ލަފާފުރުމުގެ ފަސޭހަކަން ކަށަވަރުކުރުމަށްޓަކައި 6 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ޙޮޅުދޫގައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހދ. ވައިކަރަދޫގައި މޫދަށް އެރޭ ސަރަޙައްދަކާއި ސްލިޕްވޭއެއް ހެދުމުގެ އިތުރުން ރ. ފައިނުގައި ބީޗެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއިން ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މި މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...