އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ ހަނގުރާމަ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ބުނެފިއެވެ. ސޯޝަލް މީޑިއާގައި ލިޔެފައިވާ ދިގު މެސެޖެއްގައި އޭނާ ވަނީ، އިންތިޚާބުން ނާކާމިޔާބުވީ ހަނގުރާމައިގެ ސަބަބުން ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ރޭގައި އެކަމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، މި ހަނގުރާމައިގެ ވާހަކަ ދެއްކި އިރު އޭނާ އިރާނުގެ ނަން ސީދާ ބުނެފައެއް ނުވެއެވެ.
ވާންސް ލިޔެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަ އަހަރު ސެނެޓުގެ އަޣުލަބިއްޔަތު ގެއްލުމަކީ އެއީ ވީ ގުރުބާނީގެ އަގު ކަމަށް ބުނާނަމަ، އެކަމާ މެދު ސީދާ ތެދުވެރިކަމާއެކު ވާހަކަދައްކަންޖެހެއެވެ. އަދި އެއީ އެންމެންނަށްވެސް އެނގޭ ހަގީގަތެއް ކަމަށާއި، ކުރިއަށް ދާންވީ ގޮތުގެ ތެދުވެރި މަޝްވަރާތައް ފަށަންޖެހެނީވެސް އެ ހިސާބުން ކަމަށް އޭނާ ހާމަކުރިއެވެ.
އިންތިޚާބުގެ ކުރިންވެސް މި ނަތީޖާ އަތުވެދާނެ ކަމުގެ އިންޒާރު ލިބެމުންދިޔަ ކަމަށް ވާންސް ބުންޏެވެ. އެގޮތުން 2024 ގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާއި ވާންސްއަށް ވޯޓު ދިން ގިނަ އަދަދެއްގެ މީހުން ތިބީ ވަރަށް ނުރުހިފައި ކަމަށާއި، އެމީހުން ވާދަވެރި ޑިމޮކްރެޓުންނަށް ވޯޓުދޭން ރާވަމުންދިޔަ ކަމުގެ މަޢުލޫމާތު ޕާޓީގެ މެންބަރުން ކުރިންވެސް ދީފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ގެއްލުނު ކޮންޓްރޯލް އަނބުރާ ހޯދުމަށްޓަކައި ވާންސް ވަނީ 4 ކަމެއްގެ މައްޗަށް އެކުލެވޭ ފުރަތަމަ އުސޫލުތަކެއް ހުށަހަޅާފައެވެ. އެއީ ހަނގުރާމަ ނިންމުމާއި، ދިރިއުޅުމުގެ ޚަރަދުތަކާއި އިންފްލޭޝަނަށް ސަމާލުކަން ދިނުމާއި، "އެމެރިކާ ފަސްޓް" ސިޔާސަތު ކުރިއަށް ނެރުމުގެ އިތުރުން، އިސްރާއީލާއެކު އޮތް ގުޅުމަށް ބަދަލުތަކެއް ގެނައުމެވެ.
ވާންސްގެ މި ޕޯސްޓަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބި، ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މި ޕޯސްޓަށް ޑިމޮކްރެޓުންނާއި ކުރީގެ މެގާ (MAGA) ސަޕޯޓަރުންގެ އިތުރުން މަޖިލިސް މެންބަރު ތޯމަސް މާސީވެސް ވަނީ ކޮމެންޓުކޮށްފައެވެ. މާސީ ވަނީ މި ކަންކަމަށް އެއްބަސްވީތީ ވާންސްއަށް ޝުކުރު އަދާކޮށް، "މާސީ ވޯޒް ރައިޓް އެބައުޓް އެވްރީތިންގ" ލިޔެފައިވާ ތޮފިއެއް ވާންސްއަށް ފޮނުވާނެ ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ އެކްސްގައި ޓްރަމްޕަށް ސީދާ ރައްދުދީފައެވެ. އޭނާ ބުނެފައިވަނީ، ދަހިވެތިކަމާއި ކިބުރުވެރިކަމުގެ ތެރޭގައި، އަދި އޮޅުވާލައި މަކަރުހަދާ ރެޖީމެއްގެ ޚިދުމަތުގައި، އެމެރިކާ ވަނީ އިރާނާ ދެކޮޅަށް ޣައިރުޤާނޫނީ އަދި ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.
އެމެރިކާގެ ރައްޔިތުން މިވަނީ ސާފު މެސެޖެއް ދީފައި ކަމަށާއި، ނަމަވެސް ހަގީގަތަށް ފުރަގަސްދީ، ތާރީޚުން ޢިބުރަތް ނުލިބި މި ނުރައްކާތެރި މިސްރާބުގައި ކުރިއަށްދާނަމަ، އޭގެ ނަތީޖާ މީގެ ކުރިން ފެނުނު ކަންކަމަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ބަގާއީ އިންޒާރު ދިނެވެ.
މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީގައި އިރާނުގެ ހަނގުރާމައާއި އިސްރާއީލާއެކު އޮތް ގުޅުން ސަބަބަކަށް ވެފައިވާކަމަށް ވާންސް ބުނެފައިވާއިރު، ވޯލް ސްޓްރީޓް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕްވެސް ވަނީ އިރާނު ހަނގުރާމައިގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރި ކަމަށް އިއުތިރާފުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...