ދިވެހިރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހުތިފާލުތަކުގެ ތެރެއިން މިއަދު ހެނދުނު ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ އިއްޒަތްތެރި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެ ސަރަހައްދުން އެމަނިކުފާނަށް ސިފައިންގެ އެންމެ މަތީ އިހުތިރާމާއެކު މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ގައުމާއި ދީނުގެ ހައްގުގައި ޝަހީދުވި މާތް ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ އިތުރުން ސިފައިންގެ ހާއްސަ ލަވަ ކުރިއަށްދިޔައެވެ. އަދި ޝަހީދުންގެ އާއިލާތަކަށާއި މުޅި ގައުމަށް ހެޔޮ ދުއާކުރުންވެސް އޮތެވެ.
މި އިއްޒަތްތެރި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ މަތީ ފަންތީގެ އިއްޒަތްތެރިންގެ އިތުރުން ދިވެހި ސިފައިންގެ މޫރިތި އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތައް މިއަދު ފަތިހު ފަށާފައިވަނީ މާލެއާއި އަތޮޅުތަކުގެ ބޮޑެތި މިސްކިތްތަކުގައި ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުންނެވެ. އެ ނަމާދަށްފަހު، ގައުމަށް ލިބުނު ބޮޑު ނަސްރަށްޓަކައި ﷲ ތައާލާއަށް ޝުކުރު ދަންނަވައި، ގައުމުގެ އަމާންކަމާއި ރައްކާތެރިކަމަށް އެދި ހާއްސަ ދުއާއެއް ކުރެވުނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...