ދިވެހި ފަސްގަނޑުގެ މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ދެއްކެވި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ ފުން އިބުރަތްތަކެއް ޙާޞިލުކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ޖާނުން ފިދާވި މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ ޚާއިނުންތަކަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް ގުޅިގެން ޤައުމުގެ މިނިވަންކަން ފޭރިގަތުމަށް ދިން ކުއްލި ޙަމަލާއިން ދިވެހި އުންމަތް ސަލާމަތްވެ، ފަޚުރުވެރި ކާމިޔާބީއެއް ހޯދި ތާރީޚީ ދުވަހެވެ.
މި ޢުދުވާނުގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި 19 އަބްޠާލުންގެ މަތިވެރި ޤުރުބާނީގެ ޒިކުރާ އައުކުރަންޖެހެނީ، ޤައުމުގެ އެއްބައިވަންތަކަން ވަރުގަދަކޮށް، ޤައުމީ މަޞްލަޙަތު އިސްކޮށްގެން ދިވެހި ފަސްގަނޑު ރައްކާތެރިކުރުމުގައި ސާބިތުވެ ތިބުމުގެ ޢަޒުމު ކޮންމެ ދިވެއްސެއްގެ ކިބައިގައިވެސް އާލާކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...