މަރިޔަމް އީޝާ ހުސެއިން
އައިފާ އަކީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. އެންމެ ރީތި ހޫރުޕަރީ އަކަށްނުވިނަމަވެސް، ފިރިހެން ކުދިންގެ ހިތް ދަމައިގަންނަ ކަހަލަ ޖާދުވީ ގޮތެއް ހުންނަ ކުއްޖެކެވެ. ދީނީ ކަންކަމަށް ޚާއްސަ އަހަންމިއްޔަތެއް ދޭ މައިންބަފައިންގެ ބަސްއަހާ ކުުއްޖެކެވެ. އައިފާއަކީ ، ހަލީމާއާއި ހަސަނުގެ ހުރި ހަމަ އެކަނި ފުރާނަކަމުން މިއަދާއި ހަމައަށް އައިފާއަށް އެއްވެސް ކަމަކަށް ދައްޗެއްނުވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ތަޢުލީމު ހާސިލްކުރީ އުފަން ރަށް ކަމުގައިވާ ކ. މާލޭގައެވެ. އެ އާއިލާއަކީ މާލޭގައި ނަން ފާހަގަ ކޮށްލެވޭ މުއްސަނދި އާއިލާއެކެވެ.
އައިފާ އެންމެ ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނަކީ ކިޔަވައި ނިންމައިގެން އެންމެންވެސް ފަޚުރުވެރިވާފަދަ ނަރުހަކަށް ވުމެވެ. މައިންބަފައިންގެ ހުވަފެނަކީވެސް މިއެވެ.މިހެންވުމާއިއެކު ، މައިންބަފައިންނާއި އެންމެ ގާތް އެކުވެރިޔާ މައިޝާގެ އެއްބާރުލުން އިންތިހާއަށް ލިބެމުންދެއެެވެ. އަބަދުމެ ހުރިހާ ސަމާލުކަމެއް ނަރުސްކަން ކިޔެވުމަށް ދީގެން ހުންނަ އައިފާއަކީ ލޯބީގެ ކަންކަމާއި މުޅިން ދުރުގައި އުޅޭ ކުއްޖެކެވެ. ލޯތްބަކީ ބިލާހެއްކަމުގައި ހިތަށް ވިސްނައިދީގެން ހުންނަ އައިފާގެ ހިތުގައި އެންމެ ފުރަތަމަ ޓަކިޖަހާލުމުގެ ނަސީބު ލިބުނީ ހައިކަލް އަށެވެ. ނޭނގުމުގެ ތެރެއިން އައިފާއަށްވެސް ހައިކަލްދެކެ ލޯބި ވެވިއްޖެއެވެ. ލޯބީގެ ގުޅުން ފެށިގެންއައީ ނަރުސްކަން ކިޔެވުމަށް ކޯސް ނުފެނިގެން އުޅުމުގެ ތެރޭގައި ހައިކަލް ފޭސްބުކަށް ލައިފައި އިން ޕޯސްޓެއްް ފެނުމުން އެކަން ސާފުކުރުމަށް ވާހަކަ ދައްކަން ފެށި ހިސާބުންނެވެ. އެ ވާހަކައަށްފަހު ކޮންމެ ދުވަހަކުވެސް ހައިކަލް އައިފާއާއި ވާހަކަ ދައްކަނީ ނުހަނު އިހުތިރާމާއި އެކުގައެވެ. އެހެންނަމަވެސް ، ނަރުސްކަން ކިޔެވުމަށް މެލޭޝިޔާއަށް ފުރި ފަހުން އެ ގުޅުމަށްވަނީ ހީނަރުކަމެއް އައިސްފައެެވެ. ފުރަތަމަ ދުވަސްކޮޅު ކޮންމެ ދުވަހަކުވެސް އެއްފަހަރު ގުޅާނެއެވެ. ނަމަވެސް، މިހާރަކަށްއައިސް ގިނަވާނީ އެއްފަހަރުވެސް ގުޅާނުލާ ދުވަހެކެވެ.މެސެޖެއް ނުކޮއްލާ ތާނގަ ގުޅީމަ ފޯނު ނަގާނަމަވެސް ފުދެއެވެ.
އާދައިގެ މަތިން ދުވަހެކެވެ. ފަތިސް ނަމާދުކުރުމަށްފަހު އައިފާ ގޭގެ ޓެރެސް މައްޗަށް ދިޔައީ ހިތްހަމަ ޖައްސާލުމަށެވެ. ކޯހުގައި މާ ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން ވަރުބަލިކަން އިހުސާސްވިއެއްކަމަކު ކޯސް ނިމުމުން އަލުން ރާއްޖެއަށް ފުރަންޖެހޭތީވެ އައިފާ ހުރީ ނުހަނު އުފާވެފައެވެ. ޓެރެސް މަތީގައި އިން އުނދޯއްޔެއްގައި އިށީނދެ މާއިރުތަކެއްނުވެ ނޯކަރު ކޮފީ ތައްޓެއް ގެނެސްދިނެވެ. އެ ހިތްފަސޭހަ މާހައުލުގައި އިނދެލުމަށް ކޮންމެ މީހަކުވެސް ހިތް އެދޭނެކަން ގައިމެވެ. އެހާވެސް ޗާލެވެ. މުޅި ޓެރަސްގައި ވަނީ ހުދުކުލަ ލައިފައެެވެ. ވަށައިގެން ވަނީ އެކި ކުލަކުލައިގެ އެކި ވައްތަރުގެ މާގަސް އިނދާފައިވާ ޕޮޓުތަކެވެ. ޓެރަސް ވަށައިގެން ބޭރުން ފެންނަނީ ސްނޯ ފައިބާފައި ހުރި ބޮޑެތި ފަރުބަދަތަކެވެ. ކޮފީތަށި ބޮއެ ނިންމާފައި މޭޒުމަތީގައި ބެހެއްޓުމަށްފަހު ،ރާއްޖެއަށް ފުރުމަށް ޓިކެޓް ހަމަޖެހޭނީ ކޮން ދުވަހަކަށްތޯ ބެލުމަށް ފޯނު ނެގިއެވެ. އިރުކޮޅަކުން ހޮޑު ލެވޭހެން ހީވެގެން ފާޚާނާއަށް ދިޔުމަށް ދުއްވައިގަތެވެ. ހޮޑު ލެވުމުން މޫނު ދޮވެގެން ފާޚާނާއިން ނިކުންނަަން ހިނގައިގަތުމުން ފެނުން މަންޒަރުން އައިފާ ހުއްޓުން އެރިއެވެ. ނޭފަތުން ލޭ ފައިބަނީއެވެ. މިއީ މީގެ ކުރިންވެސް އައިފާއަށް ވަރަށް ގިނައިން ވަމުން އަންނަ ގޮތެކެވެ. ނަމަވެސް، ކޯސް ކަންތަކުގައި އުޅެން ޖެހުމުން މާ ބޮޑު ކަމަކަށް ނުހަދައި އިނީއެވެ. ޑަކްޓަރަށް ދައްކަން ނުދާތާނގަ އެއްވެސް މީހަކު ކައިރީވެސް ނުބުނެވެ.
ކޯސްވެސް އެއްކޮށް ނިމުމާއިއެކު އައިފާ ނިންމީ ޑަކްޓަރަށް ދައްކައި މިކަމަށް ހައްލެއް ހޯދުމަށެވެ. އަސްލު ވެގެން އުޅޭގޮތް ބެލުމަށެވެ. ތައްޔާރުވެލައިގެން އައިފާ ނުކުތީ ކަޅުކުލައިގެ ގަޔަށް ދޫ ހެދުމަކާއި ކަޅު ޝޯލްެއެއް އަޅައިންނެވެ. އަރައިފައި ހުރީ މިހާރު އެންމެ ފެޝަން ” ގްލާސް ހީލް” އަށެވެ. އައިފާގެ ދޮން މޫނާއި ގުދުރަތީ ރީތި ނޫ ދެލޮލުން އައިފާގެ ރީތިކަން އިތުރުކޮށްދެއެވެ.
ޑަކްޓަރަށް ދެއްކުމަށްޓަކައި ރޫމަށް ވަދުމަށް ނަރުސް ގޮވާލުމުން އެތެރެއަށް ވަނުމަށް އައިފާ ހިނގައިގަތެވެ. ޑަކްޓަރު ބުނުއްވި ޖުމްލައިން ހަތަރު އުދަރެސް ފެނުޖެހުން ފަދައެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ހަގީގަތް ބަދަލެއް ނުވާނެކަން ޚުދު އައިފާވެސް ގަބޫލުކުރެއެވެ. އައިފާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެެވެ. ޑަކްޓަރު ބުނުއްވި ޖުމްލަ އައިފާގެ ކަންފަތުގައި ހުއްޓުމެއްނެތި އިވެމުންދާ ކަހަލައެވެ.
” އައިފާ . އައިފާގެ ކިޑްނީ ވަނީ ފެއިލްވެފަ ….! އައިފާއަށް ދެން އޮތީ މަދު ދުވަސްކޮޅެއް . ހިިތްވަރު ކުރާތި.” ޑަކްޓަރު ބުނުއްވިއެވެ.
ދެން ކަންތައްކުރަންވީ ގޮތް ޚުދު އައިފާއަކަށްވެސް ނުވިސްނުނެވެ. މަންމަ އާއި ބައްޕައަށް މި ވާހަކަ އަޑު އިވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހައިކަލް ކިހާ ދެރަވާނެ ހެއްޔެވެ؟ ހައިކަލް މަސައްކަތުގައި މާ ބިޒީވެ ނުގުޅެނީ ކަމަށް ބަލައިގެން އައިފާ ހުންނަނީ ހިތްހަމަ ޖައްސާލައިގެންނެވެ. އައިފާގެ އެންމެ ގާތް އެކުވެރިޔާ އަށް މި ވާހަކަތައް އަޑުއަހަން ކެތް ކުރެވޭނެ ހެއްޔެވެ؟ ގަބުވެފައި އިން އައިފާގެ ބޮލުގައި އެތަކެއް ސުވާލެއް އެނބުރުނެވެ.
ދުނިޔޭގައި ހުރެވޭނެ މަދު ދުވަސް ކޮޅުގައި އައިފާ ބޭނުންވީ ލޯބިވާ އެންމެންނާއިއެކު އުފާވެރި ވަގުތު ހޭދަކޮށްލުމަށެވެ. އެތަކެއް ފަހަރު ހައިކަލް އަށްވެސް ގުޅައިފީއެވެ. ފޯނެއް ނުނަގައެވެ. ބައެއްފަހަރު ހައިކަލް އައިފާދެކެ ލޯބި ނުވަނީއޭވެސް ހިތައް އަރައެވެ. ނޫނީ އެހެން މީހަކާއިއެކު ދިރިއުޅުމެއް ފެށީބާއޭވެސް ހިތައް އަރާވަރު މަދެއް ނޫނެވެ. 20 އަހަރު ފުރިފައިވާ ހައިކަލްއަށް ކައިވެންޏެއްވެސް ކުރެވިދާނެ ނޫންހެއްޔެވެ؟ އަވަހަށް އައިލޭންޑް އޭވިއޭޝަންގެ ވެބްސައިޓަށްވަދެ އެންމެ އަވަހަށް ޓިކެޓް ލިބޭނެ ދުވަހަކަށް ނެގިއެވެ. ނަސީބު ދިމާކުރި ގޮތުން ބުރާސްފަތި ދުވަހު ހެނދުުނު ފުރަން ހަމަޖެހުނެވެ. މިއަދަކީ އަންގާރަ ދުވަހެވެ. އަވަހަށް ގެންދަންޖެހޭ ހުރިހާ އެއްޗެއް ފޮއްޓަށް އަޅައި ތައްޔާރުކުރީ މަންމަމެން އެންމެންނާއި ބައްދަލު ކުރަން ކެތްމަދުވެފައި ހުރީމައެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހިއިރު އައިފާ ހުރީ އޭނާގެ ލޯބިވާ މައިންބަފައިންގެ ގާތުގައެވެ. ކައިރީގައި މައިޝާ އިނުމުން އިތުރަށް އުފާވިއެވެ. ނަމަވެސް ހައިކަލްގެ ޚަބަރެއް ނުވާތީ އައިފާހުރީ ނުހަނު ހިތުގައި ޖެހިފައެެވެ.އަދި މިވާހަކަ މައިޝާއާއި ހިއްސާކުރިއެވެ. އަދި ހައިކަލް އަށް އައިފާ އައިކަން އެނގުމަށާއި އަދި ވަރަށް އަވަހަށް ބައްދަލު ކުރަން ބޭނުންވާ ވާހަކަ އެނގުމަށް އައިފާ އެދުނެވެ. ނަމަވެސް މައިޝާ އެއަށް ދޭނީ ކޮން ޖަވާބެއްް ހެއްޔެވެ؟ ހައިކަލް ބައްޕަގެ އެދުމުގެ މަތިން ހައިކަލް މައިހާއާއި ކައިވެނި ކުރިއެވެ. މި ވާހަކަ ނުބުނެ މައިޝާ މިއޮތްހާ ދުވަހު ހުރީ އައިފާ ކިޔެވުމަށް ބުުރުއަރާފާނެތީއެވެ. މިހާރު މާ ލަސްވެސް ވެއްޖެއެވެ. އެހެންކަމުން މައިޝާ ނިންމީ ހުރިހާ ވާހަކައެއް ކިޔާދޭށެވެ.
ހަވީރު ހިނގާލަން ދިޔަ މަގުމަތީގައި މައިޝާ ހުރިހާ ވާހަކައެއް އައިފާއަށް ކިޔާދިނެވެ. އައިފާ ވަރަށް ރުޔެވެ . ނަމަވެސް ހަގީގަތް ގަބޫލުކޮށް ކެތްތެރިވިއެވެ. އަދި އެއީ މިހާރަށް އެންމެ ރަނގަޅު ގޮތް ކަމުގައި އައިފާ ދެކެއެވެ. ސަބަބަކީ އައިފާ މިދުނިޔެއިން ވަކިވެގެންދާ ދުވަހަކިީ ހައިކަލް އަށް މާ ހިތްދަތި ދުވަހަކަށް ވެދާނެތީއެވެ. ވީ ދެރައިން އައިފާއަށްވެސް މައިޝާއަށް އައިފާގެ ބަލި ހާލަތު ކިޔައިދެވުނެވެ. މައިޝާވެސް ވަރަށް ހިތުގައި ޖެހުނެވެ. އެއީ ދުވަހަކުވެސް މައިޝާ އަޑުއިވޭނޭކަމަށް ހީކުރި ވާހަކައެއްވެސް ނޫނެވެ. އެންމެ ތުއްތު އިރުންސުރެ މިއަދާއި ހަމައަށް ލޯބިވާ ، ހެޔޮއެދޭ އެންމެ ގާތް އެކުވެރިޔާ ވަކިވާން އެދޭނީ ވަކި ކާކު ހެއްޔެވެ؟
މަޢްރިބް ނަމާދު ބަންގި ގޮވަން ކައިރިވުމުން އައިފާއާއި މައިޝާ ހިނގައިގަތީ ގެއަށް ދިޔުމަށެވެ. މަގު ހުރަސް ކުރުމަށް ކަފިހުރަހުން ހިނގާފައި ދަނިކޮށް މައިޝާގެ ފަހަތުން ހިނގާފައިދިޔަ އައިފާއަށް ފެނުން މަންޒަރުން ކަފިހުރަސް މެދުގައި ހުއްޓެވުނެވެ. ވާނީވެސް އެހެންތާއެވެ. ފެނުނީ ހައިކަލް އާއި މައިހާ އަންނަނިކޮށެވެ. މަގުމެދުގައި ހުއްޓި ހުއްޓާ ވަރަށް ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި އައިފާ ބުރައިގެން ދިޔައެވެ.އެ އަޑަށް މައިޝާއަށްވެސް ފަހަށް ބަލާލެވުނެވެ. ގަޔަށް ލެވުނުހައި ބާރެއްލައި އައިފާއާއި ދިމާލަށް ދުއްވައި ގަނެވުނެވެ. އަދި ހުރިހާ ވާހަކައެއް އައިފާ މައިންބަފައިންނަށް ކިޔައިދިނެވެ. މި މަންޒަރު މާ ދުރުން ފެނި ހައިކަލްވެސް ދުވެފައި އައެވެ. ކާކުކަން ސާފުވީ ހައިކަލް އައިސް އައިފާ އަތްދަނޑި މައްޗަށް ލުމުންނެވެ. ހައިކަލްގެ ދޫ ބަންދުވިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައި ވަރަށް ބާރަށް ރޮއެގަނެވުނީ ކައިރީގައި އަނބިމީހާ އިން ހަނދާންވެސް ނެތިފައެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ އައިފާއަކީ ހަގީގަތުގައި ހައިކަލް އެންމެ ލޯބިވި ކުއްޖާއެވެ. ކުރަންޖެހުނު މަޖުބޫރު ކައިވެނީގެ ސަބަބުން ހައިކަލްއަށް ގޮތް ހުސްވީ އެވެ. އައިފާގެ އެންމެފަހު ނޭވާ ދޫކޮށް މި ދުނިޔެއާއި އަލްވަދާއުކީ އޭނާ އެންމެ ފުރަތަމަ ލޯބިވި ލޯބިވެރިޔާގެ އަތްމަތީގައި އޮވެގެންނެވެ.
ނިމުނީ
