އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް މަޖިލީހުގައި ބަހުސްކުރާނެ ގޮތުގެ އުސޫލުތައް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން، ބަޖެޓަށް ވާހަކަދެއްކުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް 15 މިނިޓުގެ ވަގުތެއް ލިބިގެންދާނެއެވެ.
މި ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރައްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާނު އަބޫބަކުރެވެ. މީގެއިތުރުން، ބަޖެޓު ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތް މިނިޓުގެ ފުރުސަތެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ބަޖެޓުގެ ބަހުސް ކުރިއަށްދާ ވަގުތު މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނިޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވަމުން ގެންދަވާނީ ފަހުގެ އެކި ވަގުތުތަކުގައި މި ވަގުތު ބަހާލައިގެންނެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓު ބަހުސް ފަށާނީ މަޖިލީހަށް ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކަމަށްވާތީ، އެ މުއްދަތު ހަމަވުމުން ޖަލްސާގައި ބަހުސް ފެއްޓެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...