މިއަދަކީ ދިވެހިރާއްޖޭގައި ނަސްރުގެ ދުވަހުގެ ގޮތުގައި 3 ނޮވެމްބަރ ފާހަގަ ކުރަމުން އަންނަތާ 33 އަހަރު ފުރޭ 34 ވަނަ ނަސްރުގެ ދުވަހެވެ. ދިވެހިންގެ އެތައްބައެއްގެ އަގުހުރި ދިވެހިލޭ މިފަސްގަނޑަށް އޮހޮރާލީ ހާދިސާ ، އެމަންޒަރު ދުށްބައެއްގެ ހިތުގައި މިއަދުވެސް ބިންވަޅު ނެގިފައިވާނެކަން ކަށަވަރެވެ. އެއީ ހަނދާނުން ފުހެލަން އުނދަގޫވާނެ ހާދިސާއެކެވެ. ދިވެހި ޤައުމީ ޖޯޝާއި ލޯބި ހުރި ކޮންމެ ފަރުދަކު އެދުވަހު ޤައުމަށްޓަކައި ޝަހީދުވެގެންދިޔަ އަބުޠާލުންގެ ޒިކުރާ މިއަދުވެސް އަދި މާދަމާވެސް އާކުރާނެއެވެ. ދުނިޔެ އޮތްހައި ދުވަހަކު އެ ޝަހީދުންގެ މަތިވެރި ޒިކުރާއަކަށް ނިމުމެއް ނާންނާނެއެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހެވެ. ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.
އެ އުދުވާނީ ހަމަލާއަށް މިއަދު 34 އަހަރު ފުރޭއިރު، އެ ހަމަލާގައި އިސްކޮށް ހުރި ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ ހުކުމަށް ފަހު ޖަލުން މިނިވަންވެފަ އެވެ. އަދި ދެން ވެސް އެކި ކުށްތަކުގައި ކުށްވެރިވި ފަރާތްތައް ވަނީ ހުކުމަށް ފަހު ސަލާމަތްވެފަ އެވެ. އެހެން ނަމަވެސް ހަމަލާގެ މައި މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 16 ޖެނުއަރީ 2010ގައި ބޭސްފަރުވާއަށް ލަންކާއަށް ދިޔަ ފަހުން ފިލައިގެން އުޅެނިކޮށް އޭނާ މާލެ ގެނެސް ޖަލުގައި ބަންދުކުރެވުނީ އޭގެ ނުވަ އަހަރު ފަހުން 10 ޖުލައި 2019 ވަނަ ދުވަހު އެވެ. އޭނާ ފިލި މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށް، ދައުވާކުރުމަށް ވެސް ފޮނުވައިފަ އެވެ.
ނަސްރުގެ ދުވަހަކީ މާޒީން އިބުރަތް ހާސިލު ކޮށްގެން، އަމިއްލަ ގައުމަށް ތެދުވެރިވުމަށް އަޒުމު ކަނޑައަޅަންވީ ދުވަހެވެ. ނަސްރުގެ ދުވަހު އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ފިލާވަޅުތަކެއް ލިއްބައިދޭމެއެވެ. އެގޮތުން ލިބިދޭ އެއްފިލާވަޅަކީ ދިވެހިންނަކީ ގައުމު ދިފާއު ކުރުމުގައި ލާމަސީލު ބައެއްކަމެވެ. ހާއްސަކޮށް މިކަން އެނގެނީ ޝަހީދު ހުސެއިން އާދަމް އާއި އެނޫންވެސް އެތައް ސިފައިންނެއް އެ ދުވަހު ދެއްކި ހިތްވަރުންނާއި، ފުރާނައަށްވުރެ، އުފަން ގައުމަށް އިސްކަންދިން ގޮތުގެ ސަބަބުންނެވެ. އެކަމުގެ ނަތީޖާއަކަށްވީ އެދުވަހު ދުޝްމަނުން މާޔޫސްވެ، އަމިއްލައަށް ފިލައިގެން ފުރައިގެން ދާންޖެހުމެވެ. އެހެންވީމަ ގައުމު ދިފާއު ކުރުމުގައި ދިވެހިންގެ ގައުމީ ލޯބި އަބަދު ވެސް އިންތިހާއަށް ބޭނުންވާކަން އެނގެއެވެ.
ނަސްރުގެ ދުވަހުން އަޅުގަނޑުމެންނަށް ލިބިދޭ ދެވަނަ ފިލާވަޅަކީ ދިވެހިންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމެވެ. އޭރު ޕާޓީ ނިޒާމު ނެތަސް އޭރުވެސް ދިވެހިންގެ ތެރޭގަ އެކިކަހަލަ ހިޔާލު ތަފާތުވުން ހުންނާނެކަން ކަށަވަރެވެ. އޭގެ ތެރޭގައި އަވަށު ވާދަވެރިކަމާއި ރަށު ވާދައާ ދޭދޭ ދެބަސްވުންތައް ވެސް ހިނގާނެއެވެ. ނަމަވެސް ގައުމަށް ކަމެއް ދިމާވުމުން ހުރިހާ ދިވެހިން އެއްގަލަކަށް އަރައި، އެއްވެސް ޖެހިލުމެއް ނެތި މަގުތަކަށް ނުކުމެ، އަނެކުންނަށް އެހީވުމާއި ދުޝްމަނުން އުޅޭނޫޅޭ ގޮތުގެ މައުލޫމާތު ސިފައިންނަށް ފޯރުކޮށްދޭން ފެށުމުން އެނގެނީ ގައުމު ދިފާއު ކުރުމުގައި އިޖްތިމާއީ ގުޅުންތެރިކަމުގެ މުހިއްމުކަމެވެ.
ނަސްރުގެ ދުވަހުން ލިބުނު ތިންވަނަ ފިލާވަޅަކީ ގައުމުގެ މަސްލަހަތުގެ ކުރިއަށް އަމިއްލަ މަސްލަހަތު ނުވަތަ އަމިއްލަ އެދުންތައް ނެރެވިއްޖެނަމަ ގައުމަށް ލިބިދާނެ ގެއްލުމެވެ. އެކަމުން އެ ލިބުނު ފިލާވަޅު މިއަދު ވެސް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެއެވެ.
އެ ދުވަހު ތަމަޅައިންނަށް ކާމިޔާބު ލިބުނުނަމަ ދެން ކަންކަން ވެގެންދާނީ ކިހިނެއްތޯއެވެ. އެއީ އަވަށްޓެރި ގައުމެއްގެ ސަރުކާރަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އައި ޓެރެރިސްޓް ޖަމާއަތެކެވެ. އެފަދަ ބައެއްގެ އަތްމައްޗަށް ދިވެހި ގައުމު ދިޔަނަމަ އެކަމުގައި ބައިވެރިވި ދިވެހިންނަށް ވަކި މޮޅުގޮތެއް ވީސްތޯއެވެ. މާ އުފާވެރި ނަތީޖާއެއް ނުލިބުނީހެވެ.
ދިވެހި ތާރީހް ހެކިދޭ ގޮތުގައި ހޮޅީންގެ އަތްދަށަށް ރާއްޖެ ދިއުމުން އެކަމުގައި ބައިވެރިވި ދިވެހިން ކަނޑުފައްތާ، މަރާލީއެވެ. އެހެންކަމުން ނަސްރުގެ ދުވަހަކީ އަމިއްލަ ގައުމާމެދު ވިސްނާ، މާޒީން އިބްރަތް ލިބިގަނެ، ގައުމަށް ތެދުވެރިވުމުގެ އަޒުމު ކަނޑައަޅަންވީ ދުވަހެވެ.
ނަސްރުގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަމެވެ. އަދި އެ ދުވަހުގެ ހަމަލާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތްތައް މިންވަރު ކޮށްދެއްވުން އެދި ދުއާކުރަމެވެ.



