އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރައްވައިފިނަމަ، އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ޙަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން “ޖީބީޔޫ-43/ބީ މެސިވް އޯޑްނަންސް އެއަރ ބްލާސްޓް” (އެމްއޯއޭބީ) ނުވަތަ އާންމު ނަމުން ނަމަ “މަދަރ އޮފް އޯލް ބޮމް” ބޭނުންކުރުމުގެ ރޭވުންތަކެއް ރާވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ ނިއުކްލިއަރ ނޫން ހަތިޔާރުތަކުގެ ތެރެއިން އެމެރިކާގެ އަތޮޅުގައެތް އެންމެ ބާރުގަދަ ބޮމެވެ.
ގާތްގަނޑަކަށް 10 ޓަން (9,800 ކިލޯގްރާމް) ގެ ބަރުދަން ހުންނަ މިއާދަޔާޚިލާފު ބޮމުގައި 8,500 ކިލޯގްރާމްގެ ހައި-އެކްސްޕްލޯސިވް މާއްދާ އެކުލެވޭއިރު، މީގެ ދިގުމިނުގައި 9 މީޓަރު ހުރެއެވެ. އޭގެ ބޮޑުމިނުގެ ސަބަބުން އެމެރިކާގެ އާދައިގެ ސްޓެލްތް ބޮމާ ބޯޓުތަކަށް މިއުފުލުމަކީ ދަތިކަމެކެވެ. އެހެންކަމުން، މި ބޮން ވައްޓާލުމަށް ބޭނުންކުރަނީ ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ ސީ-130 ހަރކިއުލީސް މަރުކާގެ ކާގޯ މަތިންދާބޯޓުތަކެވެ.
މި ހަތިޔާރުގެ މައިގަނޑު ބޭނުމަކީ ބިމުގެ ސަތޙައިގައި ބޮޑު ގޮވުމެއް އުފައްދައި، ވަށައިގެންވާ ބޮޑު ސަރަޙައްދަކަށް ނުރައްކާތެރި ސޮކްވޭވްތަކެއް ފޮނުވާލުމެވެ. ބިމުގައި ޖެހުމުގެ ކުރިން ވައިގެ ތެރޭގައި ގޮވާ މި ބޮމުގެ ސަބަބުން 1 ކިލޯމީޓަރުގެ ދުރުމިނުގައިވާ އިމާރާތްތަކާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެމެރިކާއިން އެންމެ ފުރަތަމަ މި ބޮން އަމަލީ ގޮތުން ބޭނުންކޮށްފައިވަނީ 2017 ވަނަ އަހަރު އަފްޣާނިސްތާނުގައި ތިބި އައިއެސްގެ ހަނގުރާމަވެރިންގެ ފަރުބަދަތަކާއި މަރުކަޒުތަކަށް ޙަމަލާދިނުމަށެވެ.
ނަމަވެސް، އިރާނުގެ ފޯޑޯ ނިއުކްލިއަރ ކޮމްޕްލެކްސް އާއި ޕިކްއެކްސް މައުންޓެން ފަދަ ބިމުގެ އަޑީގައި ފުންކޮށް ގާއިމުކޮށްފައިވާ ވަސީލަތްތައް ހަލާކުކޮށްލުމަށް އެމްއޯއޭބީއަކީ އެންމެ އެކަށީގެންވާ ހަތިޔާރެއް ނޫން ކަމަށް އަސްކަރީ މާހިރުން ފާހަގަކުރައްވައެވެ. ސަބަބަކީ މިއީ ބިމުގެ އަޑިއަށް ފޫއަޅުވާލުމުގެ ގާބިލުކަން ލިބިފައިވާ "ބަންކަރ ބަސްޓަރ" އެއް ނޫންކަމަށްވާތީއެވެ. ބިމުގެ އަޑީގައިވާ މަރުކަޒުތަކަށް ޙަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރަނީ 13,600 ކިލޯގްރާމްގެ ބަރުދަން ހުންނަ "ޖީބީޔޫ-57 މެސިވް އޯޑްނަންސް ޕެނެޓްރޭޓަރ" އެވެ. މިއީ ހަރު ދަގަނޑުން ތައްޔާރުކޮށް، ބިމުގެ 200 ފޫޓު (61 މީޓަރު) އަޑިއަށް ފޫއަޅުވައިލުމަށްފަހު ގޮއްވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ.
މާހިރުން ދެކޭގޮތުގައި އިރާނާ ދެކޮޅަށް އެމްއޯއޭބީ ބޭނުންކުރުމަކީ އަސްކަރީ ނަތީޖާއަކަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ބާރުދައްކާލުމުގެ އަމަލެކެވެ. މީގެއިތުރުން އިރާނުގެ ނިއުކްލިއަރ ސައިޓްތަކުގައި ވައިގެ ދިފާޢީ ނިޒާމުތައް ވަރުގަދަކޮށްފައިވާއިރު، ސްޓެލްތް ޤާބިލުކަން ނެތް ސީ-130 މަރުކާގެ ކާގޯ ބޯޓުތަކުގައި އެފަދަ ސަރަޙައްދުތަކަށް ވަދެ ބޮން އެޅުމަކީ ނުރައްކާތެރި އަދި ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
މިފަދަ ބާރުގަދަ ޙަމަލާއެއް ދީފިނަމަ ސަރަޙައްދީ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ މަޞްލަޙަތުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭނެ ކަމަށް އިރާނުންވަނީ އިންޒާރުދީފައެވެ. އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މުޝީރުން ވިދާޅުވާ ގޮތުގައި، އެމެރިކާއިން އެއްގަމު ޙަމަލާއެއް ދީފިނަމަ އެމެރިކާގެ ސިފައިން ހައްޔަރުކޮށް އަމާންދޭން މަޖުބޫރުކުރުވާނެއެވެ. އަދި އަވައްޓެރި ޤައުމުތަކުގައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ކޮމިއުނިކޭޝަން ކޭބަލްތަކަށް ޙަމަލާދީ، މުޅި ސަރަޙައްދުގެ މަޝްރަޙު އިތުރަށް ނުރައްކާތެރި ފައްތަރަކަށް ވައްޓާލާނެ ކަމުގެ އިންޒާރުވެސް އިރާނުންވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...