ރަޝިއާގެ ޓްރެއިނިން ކޭމްޕަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ތަޖިކިސްތާން މީހުން: ޔޫކްރެއިން އޮފިޝަލް
ރަޝިޔާގެ ބެލްގޮރޮޑް ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒެގައި ތަމްރީނުތަކެއް ހިނގަމުން ދަނިކޮށް ދިން ބަޑީގެ ހަމަލާގެ ފަހަތުގައި ވަނީ ތަޖިކިސްތާން މީހުންކަމުގައި ޔޫކްރެއިން އޮފިޝަލުން ބުނެފިއެވެ.
އާރްއައިއޭ ނިއުސް އެޖެންސީން ބުނީ ރަޝިއާގެ އަސްކަރީ ތަމްރީނުދޭ ގްރައުންޑެއްގައި ހޮނިހިރު ދުވަހު ދެ މީހަކު، ޔޫކްރެއިންގައި ހަނގުރާމަ ކުރަން ބޭނުންވާ ވޮލަންޓިއަރުންގެ ގްރޫޕަކަށް ކުއްލި ހަމަލާތަކެއް ދިން ހާދިސާގައި 11 މީހުން މަރުވެ އިތުރު 15 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ރަޝިޔާގެ ބެލްގޮރޮޑް ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދިން މިހަމަލާގައި އާންމުންގެ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި، ނަމަވެސް އެތައް ސިފައިންނެއް މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބެލްގޮރޮޑް ސަރަހައްދުގެ ގަވަރުނަރު ވިޔަޗެސްލާވް ގްލަޑްކޯވް އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވިދާޅުވެފައި ވެއެވެ.

ޓެލެގްރާމް މެސެޖިން އެޕްގައި ގްލަޑްކޯވް ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ “އަހަރެމެންގެ ބިމުގައި، އަސްކަރީ ޔުނިޓްތަކުގެ ތެރެއިން އެއް ޔުނިޓްގެ ބިމުގައި ވަރަށް ބިރުވެރި ހާދިސާއެއް ހިނގި” ކަމަށެވެ.
“އެތައް ސިފައިންނެއް މަރުވެ އެތައް ބަޔަކު ޒަޚަމްވި… ޒަޚަމްވި މީހުންނާއި މަރުވި މީހުންގެ ތެރޭގައި ބެލްގޮރޮޑް ސަރަހައްދުގެ އެއްވެސް ރައްޔިތަކު ނެތް.” އޭނާގެ މެސެޖްގައި ބުނެފައިވެއެވެ.
މި ނުރައްކާތެރި ހާދިސާއަކީ މޮސްކޯގެ އަސްކަރިއްޔާއަށް ކުރިމަތިވި ނާކާމިޔާބީތަކުގެ ތެރެއިން އެންމެ ފަހު ހާދިސާއެވެ.
ދިފާއީ ވުޒާރާއާ ހަވާލާދީ އާރްއައިއޭ އިން ބުނީ ޔޫކްރެއިންގެ ބޯޑަރު ސަރަހައްދުގައި އޮންނަ ހުޅަނގު ދެކުނު ބެލްގޮރޮޑް ސަރަހައްދަށް ދިން ހަމަލާއަށް ފަހު އެ ދެ މީހުންގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ.



