ޣައްޒާއަށް ތާއީދުކޮށް މޮރޮކޯގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޣައްޒާއަށް ތާއީދުކޮށް މޮރޮކޯގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
މޮރޮކޯގެ ހުޅަނގުގައި އޮންނަ މުހަންމަދިއްޔާގެ ބަނދަރުސިޓީގައި އާދީއްތަ ދުވަހު އެތައް ހާސް ބަޔަކު ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ “ގަތުލުއާންމު” ހުއްޓާލުމަށް ގޮވާލައި ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމަށް ތައުރީފުކޮށްފައެވެ.
މޮރޮކޯފްރޮންޓް އިން ސަޕޯޓް އޮފް ފަލަސްތީނާއި އެގެއިންސްޓް ނޯމަލައިޒޭޝަން މޫވްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ޣައްޒާގެ އާންމުންގެ ހިމާޔަތާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތުކޮށް އަޑުއުފުލާފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް ނުސީރަތު ކޭމްޕުގައި މީހުން މެރުމާއި ފަލަސްތީނާ ދެކޮޅަށް ހިންގާ އެހެނިހެން ހަމަނުޖެހުންތައް، މުޒާހަރާގެ ބައިވެރިން ވަނީ ކުށްވެރިކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލު ސިފައިން ވަނީ ރެފިއުޖީ ކޭމްޕަށް ވަރުގަދަ ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތަކެއް ދީ، 274 މީހުން ޝާހީދުކޮށްލައި، ގާތްގަނޑަކަށް 700 އެއްހާ މީހުން ޒަހަމްކޮށްލާފައެވެ.
މުހަންމަދިއްޔާގެ ބޮޑެތި މަގުތަކުން މުޒާހަރާ ކުރިއަށް ގެންގޮސް، ސިޓީގެ މެދުގައި މުޒާހަރާގެ ބައިވެރިންވަނީ ބޮޑު އެއްވުމެއްވެސް ބާއްވާފައެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ފަހު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އިސްރާއީލުން ގެންދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.
އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ގާތްގަނޑަކަށް 84،500 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.
ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ.




