އީރާނުން ދެމުންދާ ވައިގެ ހަމަލާތަކަށް ކުވެއިތާއި ބަހްރޭނުން ރައްދުދީފި

އީރާނުން ސަރަޙައްދީ ފެންވަރުގައި ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން، ކުވެއިތާއި ބަހްރޭނުގެ އަސްކަރިއްޔާއިން އެ ހަމަލާތަކަށް ރައްދުދެމުންދާކަމަށް އާދީއްތަ ދުވަހު ބުނެފިއެވެ. މި ހަމަލާތަކާ ގުޅިގެން ގަލްފުގެ މި ދެ ޤައުމުގައި ވަނީ ނުރައްކަލުގެ ރަނގަބީލު (އެއަރ ރެއިޑް ސައިރަން) އަޅާފައެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދެމުންދާ ނޭދެވޭ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ޤައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން މިސައިލާއި ޑްރޯން ހަމަލާތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ. ކުވެއިތު ސިޓީގައި ނުރައްކަލުގެ ރަނގަބީލު އިވެމުންދާކަމަށް އޭ.އެފް.ޕީގެ ރިޕޯޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، އީރާނުން ކުވެއިތުގެ ފެނާއި ކަރަންޓު އުފައްދާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގެ ސަބަބުން، ޖެހިޖެހިގެން ދެވަނަ ދުވަހަށް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ކުވެއިތުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ އެންޑް ވޯޓާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އީރާނުން ދިން ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ފެން މީރުކުރާ ކާރުޚާނާގެ ބައެއް ވަޞީލަތްތަކުގައި އަލިފާން ރޯވެފައިވާ ކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ފިފްތު ފްލީޓް ބޭސްކުރެވިފައިވާ ބަހްރޭނުން ބުނެފައިވަނީ، އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން އީރާނުގެ “ޚާއިނު” ހަމަލާތަކަށް ހުރަސްއަޅައި، ގިނަ ޢަދަދެއްގެ ހަމަލާތައް ނައްތާލާފައިވާ ކަމަށެވެ. އަދި އީރާނުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭކަމުގެ ތުހުމަތުވެސް ބަހްރޭނުން ވަނީ ކޮށްފައެވެ.
ބަހްރޭނުގެ ވެރިރަށް މަނާމާގައި ނުރައްކަލުގެ ރަނގަބީލު އެޅުމަށްފަހު، އެ ޤައުމުގެ އުތުރު ސަރަޙައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާކަމަށް އޭ.އެފް.ޕީގެ ނޫސްވެރިން މަޢުލޫމާތު ދެއެވެ.
އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ބިމަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވެއިތުގައި ހުރި އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ކުވެއިތުގައި ހުންނަ އެމެރިކާ ސިފައިންގެ “ކޭމްޕް އުދައިރީ” ގެ ހަތިޔާރު ގުދަނަށާއި، “ޢަލީ އަލް-ސާލިމް” އެއަރ ބޭސްގައި ހުރި ޕެޓްރިއަޓް ރާޑަރު ސިސްޓަމަށް އަމާޒުކޮށް “ކަމިކާޒޭ” ޑްރޯން ބޭނުންކޮށްގެން ފުޅާދާއިރާއެއްގައި ހަމަލާދީފައިވާނެއެވެ.
ހޮނިހިރު ދުވަހު ކުވެއިތުން ބުނެފައިވަނީ އީރާނުން އެ ޤައުމުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒަކަށާއި ތެޔޮ ފެސިލިޓީއަކަށް ހަމަލާދީފައިވާ ކަމަށެވެ. މިއީ އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވުމާ ގުޅިގެން، އީރާނަށް “އަދަބު ދިނުމުގެ” ގޮތުން އެމެރިކާއިން ބޮން އަޅާނެކަން އިޢުލާން ކުރުމުގެ ކުރިން ހިނގި ހާދިސާތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި، ހުކުރު ދުވަހު އީރާނުން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާޢުވުމުގެ ތެރޭގައި އެމެރިކާގެ ދެ ސިފައިން މަރުވެފައިވާއިރު، އިތުރު އެކަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.


