ބޭރުދުނިޔެ

ޣައްޒާ އެއްބަސްވުމަށް ކުރިއެރުންތަކެއް ލިބިއްޖެކަމަށް ބުނަމުންދަނިކޮށް އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަން އިއުލާނުކުރައްވާފައި ވަނިކޮށް، އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އާދީއްތަ ދުވަހުވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ. މިއީ މިދިޔަ އަހަރު ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވިތާ ދެވަނައަށްވީ ދުވަހެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ޣައްޒާ ސިޓީއަށާއި ދައިރުލް ބަލަހަށް ވަކިވަކިން ހަމަލާތަކެއް ދީފައެވެ.

މެޑިކަލް އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަހުގެ އެޕާޓްމަންޓަކަށް ދިން ހަމަލާއެއްގައި ފިރިހެނަކާއި އޭނާގެ އަނބިމީހާ ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާގައި ހަތަރު މީހަކު ޒަޚަމްވިއެވެ. މީގެ އިތުރުން ޣައްޒާ ސިޓީގެ އެޕާޓްމަންޓަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ، މިދިޔަ އަހަރު މިސްރުގައި ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް އެމެރިކާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވުމާ ގުޅިގެން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ޓްރަމްޕްގެ ‘ބޯޑް އޮފް ޕީސް’ އިން ވަނީ އެއްބަސްވުން ތަންފީޒުކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް ބަޔާންކޮށްދޭ 15 ނުކުތާގެ މަގުޗާޓެއް އާންމުކޮށްފައެވެ.

ނަމަވެސް، މި މަގުޗާޓު އަދި އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައެއް ނުވެއެވެ. ހަމާސްއިން ބުނަމުންދަނީ އެ ޖަމާއަތުގެ ހަތިޔާރުތައް ރައްކާކުރުމަށް ހަވާލުކުރާނީ، މިދިޔަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް އިސްރާއީލުން އަސްކަރީ ހަރަކާތްތައް ހުއްޓާލައި، ސިފައިން ފޭބުމުން ކަމަށެވެ. އިސްރާއީލުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ހަމާސްއިން “ހަގީގީ ސިފައެއްގައި ހަތިޔާރު ނުބަހައްޓާހާ ހިނދަކު” އިސްރާއީލު ސިފައިން މިހާރު ތިބި މަގާމުތަކުން ފަހަތަކަށް ނުޖެހޭނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހުށަހެޅުމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި ނުވާއިރު، އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ހަމާސްގެ ލީޑަރުން އަވަހާރަކޮށްލުމުގެ މަސައްކަތް އިސްރާއީލުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނެފައެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ދިރިއުޅުއްވާ ފަތަހް ޖަމާއަތުގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ދަހްލާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ޖެރެޑް ކުޝްނަރ، ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ގާތު ވިދާޅުވި ކަމަށެވެ.

ދަހްލާން އިތުރަށް ވިދާޅުވީ، އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުން ކަށަވަރުކުރުމަށް އެމެރިކާއާއެކު ކުރާ މުއާމަލާތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިކަން ކާމިޔާބުވުން މިހާރު ބިނާވެފައި އޮތީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ދުވަހީ ހަމަލާތައް މުޅިން ހުއްޓާލުމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަހްލާންގެ މި ވާހަކަތަކާ ގުޅޭގޮތުން ރޮއިޓާސްއިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ސުވާލު ދެންނެވި ނަމަވެސް، އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ. އަދި އިސްރާއީލުންވެސް މިކަމާ ގުޅޭގޮތުން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close