ބޭރުދުނިޔެ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހަކަށް ހަމަލާދީފި

އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ވަޒަންވެރިވެފައިވާ ސަރަހައްދެއްގައި ވަޅިއެއް ހިފައިގެން ހުރި މީހަކު ވަނީ “ނިއުޓްރަލައިޒް” ކޮށްފައެވެ.

އިސްރާއީލް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ނެގޮހޮޓް” ކިޔާ ސަރަހައްދަށް މީހަކު ވަދެގެން އުޅޭކަމުގެ އިންޒާރު ލިބުމާ ގުޅިގެން، ވަޅިއަކުން ހަތިޔާރު އަޅައިގެން ހުރި މީހަކު ފާހަގަކުރެވި އޭނާ ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އިތުރަށް ބަލައި ފާސްކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ހާދިސާގައި އެހެން މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، އެ މީހާއަށް ހަމަލާދިނީ ކޮން ބައެއް ކަމެއް ނުވަތަ އޭނާގެ މިހާރުގެ ހާލަތާ ބެހޭ އެއްވެސް ތަފްސީލެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިންގާ ހަމަނުޖެހުންތައް، 2023 އޮކްޓޫބަރު 7 ގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލު ސިފައިންނާއި ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރިން މިހާތަނަށް މަދުވެގެން 1,050 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އިސްރާއީލުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ފަލަސްތީނުގެ ރައްދު ހަމަލާތަކުގައާއި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި މިހާތަނަށް އިސްރާއީލުގެ 45 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ސިފައިންނާއި ވަޒަންވެރިން ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close