މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުވި ސިޓީފުޅުގައި ދިވެހި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ގެނެސްފައެއް ނޯންނާނެ: ޝާހިދު
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުވި ސިޓީފުޅުގައި ދިވެހި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ގެނެސްފައެއް ނޯންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިޓްލޮސްއަށް ހުށަހެޅިފައިވާ ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އާންމުކުރާނެ ކަމަށްވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އެންމެ ފުރަތަމަ ވަނީ މައްސަލައާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
މޮރިޝަސްއަށް ތާއީދުކުރާނެ ކަމަށް ސިޓީއެއް ފޮނުވުމުގެ ބޭނުމަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ ރައީސް ފޮނުވި ސިޓީފުޅުގައި ދިވެހި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ގެނެސްފައި ނޯންނާނެ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ސިޓީފުޅުގައި ވާނީ އދ. ގައި ދެން އެފަދަ ވޯޓެއް އައިސްފިނަމަ މޮރިޝަސްއާ އެއްކޮޅަށް ދޭނީ އިސްތިއުމާރީ ބާރުތަކާ ރާއްޖޭން ދެކޮޅުވުމުން ކަމަށެވެ.
ރާއްޖެއަށް ކަނޑުގެ ސަރަހައްދުގެ އެއްވެސް ބަޔެއް ލިބޭ ގޮތަށް ނޫނީ ދޫކޮށްލާ ގޮތަށް އެއްބަސްވުމަކަށް ދިޔުމަށް ރައީސްގެ ސިޓީފުޅުގައި އެދިފައިނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވި ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

