މާލީ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިގްތިސާދީ ދާއިރާގެ މަޝްރޫއުތަކަށެވެ. އެގޮތުން އިގްތިސާދީ ދާއިރާއަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރިއިރު، އޭގެ ތެރެއިން ދަތުރުފަތުރުގެ ދާއިރާއަށް އެކަނިވެސް 2 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
މީގެ އިތުރުން، އާންމު ޚިދުމަތުގެ ދާއިރާއަށް 780 މިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް 717 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ސިއްހީ ދާއިރާގެ ތަރައްގީގެ ކަންކަމަށް 359 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ޖުމްލަ 6.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ޚަރަދުތައް ކުރީ އަހަރަށް ވުރެ ދަށްވުމަކީ މަޝްރޫއުތަކުގެ ހިންގުން ހަރުދަނާކޮށް ބެލެހެއްޓެމުންދާ ކަމުގެ ހެއްކެކެވެ. އަދި އަލަށް ފަށާ މަޝްރޫއުތަކަކީ ނަތީޖާ ނެރެދޭނެ ކަންކަންތޯ ބެލުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ގާއިމުކޮށް، ދިރާސާތަކަށް ބަލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް މި އަހަރު އިސްކަންދީފައިވެއެވެ.
ޕީއެސްއައިޕީއަކީ ގައުމުގެ އަސާސީ އުމްރާނީ ތަރައްގީއަށާއި ރައްޔިތުންގެ އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ބިންހިއްކުމާއި، ބަނދަރު ހެދުމާއި، ބޯހިޔާވަހިކަން ފަދަ މުހިންމު ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތަކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.0 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަޝްރޫއުތަކަށް އިސްކަންދޭ ތަރުތީބު ބަދަލުކޮށް، ޚަރަދުތައް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...