ދިރާގާއި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ސަރުކާރުން ގަތުމުގެ ބަދަލުގައި، ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށް އަމިއްލަ ވިޔަފާރިވެރިންނާ ހަވާލުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ސަރުކާރުން އެ ދެ ކުންފުނީގެ ހިއްސާ ގަންނަން ނިންމައި އިއުލާނުކުރުމާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ދައުލަތުން ވިޔަފާރީގެ ތެރެއަށް ވަނުމުން ލިބޭނީ ގެއްލުން ކަމަށާއި ވިޔަފާރި ކުރަން ޖެހޭނީ ވިޔަފާރިވެރިން ކަމަށެވެ.
މިހާރު ވެސް ދައުލަތުގެ ބަޖެޓަށް އޮތް އެންމެ ބޮޑު މާލީ ބުރައަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ދޭންޖެހޭ ސަބްސިޑީއާއި އެ ތަންތަނަށް ކުރަންޖެހޭ ހަރަދުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ ތެރެއިން ދަރަނިވެރިނުވެ ފައިދާގައި ހިނގަނީ ވަރަށް މަދު ތަނެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދިރާގު ފަދަ ކުންފުނިތަކުން ރަނގަޅު ނަތީޖާ ނެރެނީ ބޭރުގެ ހިއްސާ އޮވެ ވިޔަފާރީގެ އުސޫލުން ހިންގާތީ ކަމަށެވެ.
ހަމައެއާއެކު ފެން ކުންފުނި އެމްޑަބްލިއުއެސްސީގައި ވެސް ގާތްގަނޑަކަށް 12 އިންސައްތަ ބޭރުގެ ހިއްސާ އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރު ކުންފުނިތައް ފައިދާނުވެ ހިންގުމުގައި ދިމާވާ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ބޭނުންވާ ވަރަށްވުރެ އިތުރަށް ނަހަމަ ގޮތުގައި މުވައްޒަފުން ވެއްދުމާއި ހިންގުމުގެ ގާބިލުކަން ނެތުމަކީ އެ ތަންތަން އަޑިއަޅާލާ މައިގަނޑު ސަބަބު ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް ލުއިދީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް އިގްތިސާދީ ދާއިރާގެ އެހެން ބައެއް ތަޖުރިބާކާރުން ވެސް މީގެ ކުރިން ލަފާދެއްވާފައިވެއެވެ.
ހާއްސަކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެ، ދާއިރާގެ ފަންނީ މުވައްޒަފުންނާއި ތަޖުރިބާކާރު ވެރިންގެ ބެލުމުގެ ދަށުން ބޮޑު ފައިދާއެއްގައި ހިނގަމުންދާ ރާއްޖޭގެ އެންމެ އަގުބޮޑު ކުންފުނި ކަމަށްވާ ދިރާގުގެ ހިއްސާ ސަރުކާރުން ގަންނަން އުޅުމަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...