ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.
މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ސަފުތައް ރުކުރުވާލުމަށް، ފައިސަލްގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅެކެވެ.
ފައިސަލް ބައްލަވާލެއްވި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބިޔަ މަޝްރޫއާއި އެ މަޝްރޫއުގެ ތެރެއިން ހެދި ފަތާ ފެންގަނޑުތައް ހިމެނެ އެވެ. އަދި، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އާއި އިމާރާތްކުރަން ފެށި ގުރުއާނާއި ބެހޭ މަރުކަޒު ވެސް ވަނީ ބައްލަވާލައްވާފަ އެވެ. މި ބައްލަވާލެއްވުމުގައި ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގާއި ކައުންސިލް މެންބަރުން އަދި އެމްޑީޕީގެ ސިޓީގެ އިސްވެރިން ބައިވެރިވެ، މަޝްރޫއުތަކުގެ އަދާހަމަ ފައިސަލް އާ ހިއްސާކުރެއްވި އެވެ.
މި ދަތުރުގެ ތެރެއިން ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ އިސްވެރިންނާއި ކައުންސިލްގެ އިތުރުން، އެ ސިޓީގައި ހިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކާއި އެހެން މުއައްސަސާތަކާ ވެސް ފައިސަލް ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ތެރެއިން ކުރިމަތިލާނެ ފަރާތްތަކަށް ތާއީދު ހޯދުމާއި، ޕާޓީގެ ސަފުތައް އިތުރަށް ހަރުދަނާ ކުރުންކަމަށް އެމްޑީޕީން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...