އިޒްރާއީލުގެ ލީޑަރުން ހައްޔަރުކުރަން އައިސީސީން ނެރުނީ “ހަޑިހުތުރު” އަމުރެއް: ބައިޑަން

އިޒްރާއީލުގެ ލީޑަރުން ހައްޔަރުކުރަން އައިސީސީން ނެރުނީ “ހަޑިހުތުރު” އަމުރެއްކަމަށް ބުނެ އެކޯޓަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
“އިޒްރާއީލްގެ އިސްވެރިންގެ މައްޗަށް އައި.ސީ.ސީ އިން ނެރުނު ހައްޔަރު އަމުރަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން، އަދި އަޅުގަނޑު އަނެއްކާވެސް ސާފުކޮށް ބުނަން، އައި.ސީ.ސީ އިން އިޝާރާތްކުރި ނަމަވެސް، އިޒްރާއީލާއި ހަމާސްއާ ދެމެދު އެއްވެސް އެއްގޮތްކަމެއް ނެތް” ބައިޑަން ބުނެފައިވެއެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓްގެ އަމުރަށް ފާޑުކިޔަމުން ބައިޑެން ބުނީ އެމެރިކާއިން އަބަދުވެސް އިޒްރާއީލްގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވެދޭނެ ކަމަށެވެ.
އައި.ސީ.ސީ އިން ބުނާ ގޮތުގައި ބެންޖަމިން ނެތަންޔާހޫ އަދި ޔޯވް ގަލަންޓްގެ މައްޗަށް ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ އެ ދެ ފަރާތުން ފަލަސްތީން ސަރަހައްދުތަކުގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމަށް އެކަށީގެންވާ ހެކި ލިބިފައިވާތީއެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުގައި ބަނޑަށްޖެއްސުން، މީހުން މެރުން، އަނިޔާވެރިވުން އަދި އެހެނިހެން ލާއިންސާނީ ޢަމަލުތައް ހިމެނެއެވެ.
އިޒްރާއީލްގެ ހަމަލާތަކަށް މިހާރު އެއް އަހަރު ފުރިފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 44,000 އަށްވުރެ ގިނަ މީހުން ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 103,000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.


