ހުޅުމާލެ ފޭސް 3 ގައި ކުނި ޖަމާކުރާ ސަރަޙައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ ސަރަޙައްދުތަކަށް ދުމުގެ އަސަރު ބޮޑުވެ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ޢާންމުކުރި އިރުޝާދުތަކުގައި ވަނީ، ކޮންމެހެން ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަން ޖެހޭނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނޭހެން މާސްކު އެޅުމަށް އެދިފައެވެ. އަދި ގޭތެރެއަށް ދުމުގެ އަސަރު ނުވަންނާނެހެން ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.
ޚާއްޞަކޮށް، ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް މިފަދަ ދުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެތީ، އެފަދަ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުން، ގަދައަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...