ރާއްޖެ އެތެރެކުރަން އުޅުނު ގިނަޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނުގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއްް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ބަލާ ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށްް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާފަގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށްް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 459 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 367،000.00 އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ 5 ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 19.44 ކިލޯގެ ކެނެބިސް – ހާރބަލް ކަސްޓަމްސްއިން ވަނީ އަތުލަައިގެންފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްްފައި ކަމަަށް ކަސްޓަމްސްއިން ބުނެއެވެ.



