ބޭރުދުނިޔެ

ހައްދުފަހަނައެޅި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 16 މީހުން ޝަހީދުކޮށްލައިފި

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެއް ދުވަހުގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ދުވަހު، އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި 16 ފަލަސްތީީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ސިއްހީ މަސްއޫލުވެރިން ހާމަކުރައްވައިފިއެވެ. އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ ލުބުނާނާއި އީރާނަށްވެސް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ސިއްހީ އިދާރާތަކާއި ދާޚިލީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާ އަވަށުގެ ނެރުމާ ގާތުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިސަރަކާއި އެހެން އަށް ފުލުހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ތިބި އާންމުންގެ ތެރެއިން މަދުވެގެން 14 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ކޭމްޕުގެ ހުޅަނގު ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި އާއިލާއެއްގެ ތިން މީހުން ކަމަށްވާ ފިރިމީހާއާއި، ބަލިވެއިން އޭނާގެ އަންހެނުންނާއި، އެމީހުންގެ ފިރިހެން ދަރިފުޅު ޝަހީދުވެފައިވާ ކަމަށް ސިއްހީ މަސްއޫލުވެރިން ބުނެފައިވެއެވެ.

ޣައްޒާގައި ހިނގި މި ހާދިސާތަކާ ގުޅޭގޮތުން އިސްރާއީލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި، ކާރެއްގައި ދަތުރުކުރަމުންދިޔަ ފަލަސްތީނުގެ އާއިލާއެއްގެ މައިންބަފައިންނާއި ދެ ކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޣައްޒާގައި 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން ފެށުނު ފަނާކުރަނިވި ހަނގުރާމައަށްފަހު، އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން އަނިޔާވެރި ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.

އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކަށްފަހު، ޣައްޒާއަށް ދޭ ހަމަލާތައް ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް، މިހާރު އަނެއްކާވެސް ހަމަލާތައް އިތުރުވަމުންދާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުންނާއި މުހައްލިލުން ބުނެއެވެ. އީރާނާއެކު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 36 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކުރެއެވެ.

އޮކްޓޯބަރު މަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ 670 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. ހަމަ އެ މުއްދަތުގައި ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close