އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖޭއެސްސީ އިން ނިންމައިފި
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާތީ، މި މައްސަލައާ ގުޅިގެން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އޮކްޓޯބަރ މަހުގެ 05 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި ވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މައްސަލަ ބަލަން ނިންމައި މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ނުބާއްވައި ލަސް ކުރުމަކީ ވަރަށް އާއްމު ކަމެކެވެ. ކްރިމިނަލް ކޯޓުގައި ވެސް ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ އެތައް މައްސަލައެއް އެބައޮތެވެ. ނަމަވެސް އެމައްސަލަތައް ބައްލަވާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އިން ވަކިން ތަހްގީގެއް ނުކުރެއެވެ.


