ރިޕޯޓް ވައިގެ ތެރޭގައި ހިނގި ލޭއޮހޮރުވުން: ފްލައިދުބާއީ ފްލައިޓުގެ ބިރުވެރި ވަގުތުކޮޅު

ވައިގެ ތެރޭގައި ހިނގި ލޭއޮހޮރުވުން: ފްލައިދުބާއީ ފްލައިޓުގެ ބިރުވެރި ވަގުތުކޮޅު

ވައިގެ ތެރޭގައި ހިނގި ލޭއޮހޮރުވުން: ފްލައިދުބާއީ ފްލައިޓުގެ ބިރުވެރި ވަގުތުކޮޅު
އަޙްމަދު ޝުޖާއު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ފަތިހުގެ ފިނިކަމުގެ ތެރެއިން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭމަތިން ނައްޓާލި ފްލައިދުބާއީގެ ފްލައިޓް FZ 1073 އަކީ، އާދައިގެ ދަތުރަކަށް ފެށުނު އުދުހުމެކެވެ. ގަޑިން ހެނދުނު 5:05 ޖެހިއިރު، އިސްރާއީލުގެ ތެލް އަވީވަށް މިސްރާބު ބެހެއްޓި މި ފްލައިޓުގައި 174 ފަސިންޖަރުންނާއި ކްރޫއިން ތިބީ އަމާން ދަތުރެއްގެ އުއްމީދުގައެވެ. ނަމަވެސް، ވައިގެ ތެރޭގައި 26 މިނެޓު ހޭދަވީތަނާ، އެންމެންގެ ތަގުދީރު ނުރައްކާތެރި ނާމާންކަމެއްގެ ތެރެއަށް ގެނބިގެންދިޔައެވެ.

އުޑުމަތީގައި އޮތް އަމާންކަން ކެނޑި، ގަޑިން 5:31 ވީއިރު ކޮކްޕިޓުގެ ތެރެއިން ފުރަތަމަ އެލާޓް ސިގްނަލް ފޮނުވާލިއެވެ. އަދި އޭގެ އެންމެ 7 މިނެޓު ފަހުން، 5:38 ގައި 'ހައިޖެކް އެލާޓް' ނުވަތަ ބޯޓު ފޭރިގަތުމުގެ އިންޒާރު ސިސްޓަމުން ދިނުމާއެކު، ނުރައްކަލުގެ ރަނގަބީލު މުޅި ބޯޓުގައި ގުގުމާލިއެވެ. ބޯޓުގެ ކޮންޓްރޯލް އޮންނަ ކޮކްޕިޓުގެ ތެރޭގައި ހިނގަމުންދިޔައީ އާދައިގެ ކަންތައްތަކެއް ނޫނެވެ. އެއީ މަރާއި ދިރުމުގެ ބޮޑު ކުރިމަތިލުމެކެވެ.

ބޯޓުގެ އޮމާން ކޯ-ޕައިލެޓް ވަނީ ކުއްލިއަކަށް ބޯޓުގެ ކެޕްޓަން، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކެޕްޓަން ސްމިތު މައްޗާރަށް ހަމަލާދީފައެވެ. ކޯ-ޕައިލެޓްގެ އަތުގައި އޮތް ތޫނު އަދި ނުރައްކާތެރި އާލާތެއް ކަމަށްވާ ކްރޭޝް އެކްސްއިން ކެޕްޓަން ސްމިތުގެ ބޮލަށާއި ހަށިގަނޑަށް ކުއްލި ހަމަލާތަކެއް ދޭންފެށިއެވެ. މުޅި ކޮކްޕިޓު ތެރޭގައި ލޭގެ ކޯރެއް އުފެދި، ކެޕްޓަންގެ ހަށިގަނޑުން ނުރައްކާތެރި އަނިޔާތަކާއެކު ލޭއޮހޮރެމުން ދިޔައެވެ. ނަމަވެސް، އަމިއްލަ ފުރާނައަށްވުރެ ބޯޓުގައި ތިބި 174 މީހުންގެ ސަލާމަތް އިސްކޮށް، ކެޕްޓަން ސްމިތު ވަނީ އަނިޔާތަކާއެކުވެސް ހިތްވަރު ދޫނުކޮށް، ހަމަލާދިން ކޯ-ޕައިލެޓާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަކޮށްފައެވެ.

މި ވަރުގަދަ ތަޅާފޮޅުމުގެ ތެރޭގައި ބޯޓުގެ ކޮންޓްރޯލް މުޅިން ގެއްލި، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވަނީ 14،000 ފޫޓު ތިރިއަށް ވެއްޓިގެން ގޮސްފައެވެ. ކެބިން ތެރޭގައި ތިބި ފަސިންޖަރުން ގޮނޑިތަކުން ވިއްސައިގެންގޮސް، ސާމާނުތައް އުކެމުންދިޔައިރު، މުޅި ތަނުގައި އުފެދުނީ ސިހުމާއި ނާމާންކަމުގެ ރޯއަޑެވެ. ކޮކްޕިޓުގެ ތެރޭގައި މަރާ ހަނގުރާމަކުރަމުން ދިޔައިރު، ކެބިން ތެރޭގައި އޮތީ ބިރުވެރިކަމުގެ ނޭވާހިފެހެއްޓުމެކެވެ.

ހެނދުނު 6:11 ގައި ފްލައިޓް FZ 1073 ވަނީ ރޭޑާގެ ރޭންޖުން މުޅިން ގެއްލި، ބޯޓަށްވީގޮތެއް ނުއެނގި ނިވާވެފައެވެ. ނަމަވެސް، އޭގެ 17 މިނެޓު ފަހުން ސެޓެލައިޓް މެދުވެރިކޮށް ހައިޖެކް އެލާޓްގެ މެސެޖު ލިބެން ފެށިއެވެ. ކޮކްޕިޓުގެ ތެރޭގައި ލޭގެ ތެރެއަށް ތިރިވެފައި އޮތް ކެޕްޓަން ސްމިތު، ލެއިން ތަތްތެޅިފައިވާ ހާލަތުގައިވެސް، އާދަޔާޚިލާފު ހިއްވަރެއްލައި، އެތެރެއިން ތަޅުލެވިފައިވި ކޮކްޕިޓުގެ ދޮރު ހުޅުވާލިއެވެ.

ދޮރު ހުޅުވުމާއެކު، ކެބިން ތެރޭގައި ތިބި ފަސިންޖަރުންނާއި ކްރޫއިން ކޮކްޕިޓުގެ ތެރެއަށް ކުއްލިއަކަށް ވަދެގަތެވެ. އަދި ހަމަލާދިން އަނިޔާވެރި ކޯ-ޕައިލެޓް ވައްޓާލައި، އޭނާގެ ބާރު މުޅިން ކަނޑުވާލިއެވެ. މިއާއެކު، އޮފް-ޑިއުޓީގައި ތިބި ދެ ކްރޫ މެންބަރުން ވަގުތުން ކޮކްޕިޓަށް ވަދެ، ނުރައްކަލުގައި އޮތް ބޯޓުގެ ކޮންޓްރޯލް ނަގައި، ބޯޓު ހަމައަކަށް އަޅުވާލިއެވެ.

ނުރައްކާތެރި ހާދިސާތަކަކަށްފަހު، އެންމެ ކައިރިން އޮތް ރައްކާތެރި މަންޒިލް ކަމަށްވާ ސައޫދީ އަރަބިއްޔާގެ ތަބޫކް އެއާޕޯޓަށް ފްލައިޓް FZ 1073 ވަނީ ކުއްލި ހާލަތުގައި ރައްކާތެރިކަމާއެކު ޖައްސާފައެވެ. ވައިގެ ތެރޭގައި ބޯޓު ތިރިއަށް ވެއްޓުނު ވަގުތު އޭގެ ރަޑާއަށް (ރަޑަރ) ބޮޑެތި ގެއްލުންތަކެއް ލިބިފައިވީނަމަވެސް، ބޯޓުގައި ތިބި 174 ފަސިންޖަރުންނާއި ކްރޫއިން ވަނީ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބި ސަލާމަތުން ބޯޓުން ފައިބާފައެވެ.

އާދައިގެ އުދުހުމަކުން ފެށި މި ދަތުރު، ނިމިގެން ދިޔައީ ކޮކްޕިޓެއްގެ ތެރޭގައި ހިނގި ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކުންނެވެ. އަދި ޒަޚަމްވެފައިވާ ކެޕްޓަން ސްމިތު ދެއްކެވި އާދަޔާޚިލާފު ހިއްވަރާއި، ފަސިންޖަރުންގެ ހުޝިޔާރުކަމުން، 174 ފުރާނަ ސަލާމަތްވި އާދަޔާޚިލާފު ހާދިސާއެއްގެ ގޮތުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.