ޣައްޒާގައި ޝަހީދުކުރި މީހުންގެ އަދަދު 43,799 އަށް އަރައިފި

ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިއަދުވެސް އިތުރު 35 ރައްޔިތުން ޝަހީދުކޮށްލުމާއެކު މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު 43,799 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ހަމަލާތަކުގައި މިހާތަނަށް 103,601 މީހުން ޒަޚަމްވެފައިވެއެވެ.
“ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް އިޒްރާއީލުގެ ސިފައިންދިން ތިން ހަމަލާއެއްގައި 35 މީހުން ޝާހީދުކޮށްލައި، 111 މީހުން ޒަޚަމްކޮށްފައިވެއެވެ،” ސިއްހީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
“ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ތަޅާލެވިފައިވާ ޢިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ތާށިވެފައެވެ. ސަލާމަތްކުރާ ފަރާތްތަކަށް އެ މީހުންނާ ހަމައަށް ނުދެވެއެވެ،” ވުޒާރާއިން އިތުރަށް ބުންޏެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާ ސްޓްރިޕްއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފައެވެ.
އިޒްރާއީލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ ގާތްގަނޑަކަށް މުޅި އާބާދީ ވަނީ ނިކަމެތިކަމުގެ ތެރެއަށް ވެއްޓިފައެވެ. މީގެ އިތުރުން ކާނާއާއި، ސާފު ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
އެމެރިކާ، މިސްރު އަދި ޤަޠަރުގެ މެދުވެރިކަމުގައި ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށާއި އަސީރުން ދޫކޮށްލުމަށް އިޒްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އާދެވޭތޯ ކުރެވުނު މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓުވުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޢަދުލު ކޯޓުގައި އިޒްރާއީލުގެ މައްޗަށް ނަސްލު ނައްތާލުމުގެ ދަޢުވާއެއް އުފުލިފައިވެއެވެ.


