ޚަބަރު

ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް “އޮޕަރޭޝަން ހަމަމަގު” ފަށައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރަމުންދޭތޯ ކަށަވަރުކޮށް، އެފަރާތްތަކުގެ ކަންކަން ބެލެހެއްޓުމަށް “އޮޕަރޭޝަން ހަމަމަގު”ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ހަރަކާތްތައް ބަލައި، އެހީތެރިކަން ފޯރުކޮށްދީ، އަދި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދާކަން ޔަޤީންކުރުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ “މައިގްރެންޓް މޮނިޓަރިން އެންޑް ކޮމްޕްލައެންސް”ގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ދާޚިލީ ސަލާމަތާއި

ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އިމިގްރޭޝަން އޮފިސަރުން ބިދޭސީން އުޅޭ ސަރަހައްދުތައް ސައިކަލުތަކުގައި ޕެޓްރޯލް ކުރާނެއެވެ. ކުރިން ވަކި ސަރަހައްދުތަކެއްގައި ހަރަކާތްތެރިވަމުން ދިޔަނަމަވެސް، މި ޕްރޮގްރާމުގެ ދަށުން މުޅި މާލޭ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ، މި ޚާއްސަ ޕްރޮގްރާމުގެ އިތުރުންވެސް، ރައްޔިތުންގެ ފަރާތުން “އިމިގްރޭޝަން ވޮޗް” އަށް ލިބޭ މައުލޫމާތާއި އަދި އެނޫންވެސް ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ބަލައި، ފުލުހުންނާ ގުޅިގެން ކުރިންވެސް ހިންގަމުން އައި ރެއިޑް އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުންވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، 191،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި މައުލޫމާތު ހިއްސާ ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދީ ޑިޕޯޓްކޮށްލާނެ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close