ކުޅިވަރު

ފީފާ ވޯލްޑް ކަޕަށް ނޯވޭއާއި ޕޯޗުގަލް ކޮލިފައިވެ، އިޓަލީއަށް އަނެއްކާވެސް ޕްލޭއޮފް ކުޅެންޖެހިއްޖެ

އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޔޫރަޕްގެ ކޮލިފައިން ބުރުން ނޯވޭ އާއި ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ނޯވޭއަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުނީ 28 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވާއިރު، ވޯލްޑް ކަޕްގެ ކުރީގެ ޗެމްޕިއަން އިޓަލީއަށް މިފަހަރުވެސް ވަނީ ސީދާ ޖާގައެއް ނުލިބި ޕްލޭއޮފް ކުޅެން ޖެހިފައެވެ.

ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިވީ ރޭ އިޓަލީގެ މައްޗަށް 4-1 އިން ކުރިހޯދައިގެންނެވެ. ގްރޫޕް އައިގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނޯވޭއިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ނޯވޭއަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އެންޓޯނިއޯ ނޫސާ އާއި، ދެ ގޯލު ޖެހި އާލިން ބްރައުޓް ހާލަންޑް، އަދި ޖޯގެން ސްޓްރޭންޑް ލާސަން އެވެ. ހާލަންޑް ވަނީ މި ކޮލިފައިންގައި ޖުމްލަ 16 ގޯލު ޖަހާފައެވެ.

އިޓަލީން ވަނީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް (2018 އަދި 2022) ވެސް ކޮލިފައިނުވެފައެވެ. ކުރިން ވެސް ޕްލޭއޮފްގައި ބަލިވެގެން ފުރުސަތު ގެއްލުނު އިޓަލީއަށް، މިފަހަރުވެސް ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް ކުޅެން ޖެހިފައި މިވަނީ ނޯވޭ އަތުން ބަލިވުމުންނެވެ.

ޕޯޗުގަލް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދީ ގްރޫޕް އެފްގެ އެއް ވަނަ ހޯދައިގެންނެވެ. ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެން އެއް ވަނަގައި އޮތް ޕޯޗުގަލް ވަނީ ރޭ އަރްމީނިއާގެ މައްޗަށް 9-1 އިން ބޮޑު މޮޅެއް ހޯދާފައެވެ. މި މެޗުގައި ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ނެވޭސް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ރެނާޓޯ ވެއިގާ، ގޮންޒާލޯ ރާމޯސް އަދި ފްރާންސިސްކޯ ކޮންސެސާއޯ ވެސް ވަނީ ޕޯޗުގަލްގެ ގޯލުތައް ޖަހާފައެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ހުރީ ސަސްޕެންޝަނުގައެވެ.

ޔޫރަޕުން މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އިންގްލެންޑް، ފްރާންސް، ކްރޮއޭޝިއާ، ނޯވޭ އަދި ޕޯޗުގަލް އެވެ. ޕޯޗުގަލްގެ ގްރޫޕުން ޕްލޭއޮފްގެ ޖާގަ ހޯދީ ރޭ ހަންގޭރީ ބަލިކޮށް، ފަހު ވަގުތު ދެ ގޯލު ޖަހައިގެން މޮޅުވި އަޔަލެންޑެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close