ކުޅިވަރު

ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ފުޓުބޯޅަ ކުޅުންތެރިންގެ އެންމެ ކުރީގައި ރޮނާލްޑޯ

ދުނިޔޭގެ އެންމެ ބޮޑު މުސާރަލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރިއަށް ރޮނާލްޑޯ އަރައިފިއެވެ. މީގެ ކުރިން ގިނަދުވަސްތަކެއްވަންދެއް އެމަޤާމް ދިފާޢު ކުރަމުން އައީ ފުޓުބޯޅަ ތަރި ލިއޮނެލް މެސީއެވެ.

ލިސްޓްގެ އެއްވަނަ ދިފާޢު ކުރަމުން އައި މެސީ ފަތަހަށް ޖައްސައި، ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ހޯދައިފިކަމަށް، ފޯބްސް މަޖައްލާއިން ބުނެފައިވާއިރު ، ޕޯޒުގީޒުގެ ފްޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަށްފަހު، މި ސީޒަންގައި، ޓެކުހާއިއެކު 125 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދާނެކަމަށް ބެލެވެއެވެ. މީގެތެރޭގައި 70 މިލިއަން ޑޮލަރަކީ އޭނާގެ މުސާރައާއި ބޯނަސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

ފާއިތުވެދިޔަ ތަނުގައި ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ހުރި މެސީއަށް 2021-22 ސީޒަންގައި ލިބޭނެ ކަމަށް ބެލެވެނީ 110 މިލިއަން ޑޮލަރެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވެގެންދާނީ، ދުނިޔޭގައި ހުރި ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ.

އެހެންނަމަވެސް، ދިގުމުއްދަތެއް ވަންދެން އޭނާ ކުޅެމުންއައި ބާސެލޯނާ ދޫކޮށް ދާދިފަހުން ޕެރިސް ސެއިންޓް ޖާމަންއަށް ބަދަލުވެފައިވާ، އުމުރުން 34 އަހަރުގެ މެސީއަށް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށްވުރެ ބޮޑު އާމްދަނީއެއް ލިބިގެން ދާނެއެވެ. އެއީ 70 މިލިއަން ޑޮލަރެވެ.

ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ ހިމެނޭގޮތުން 500 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކޮށްފައިވާ، މިވަގުތު ދުނިޔޭގައި ހުރި، ސޯޝަލް މީޑިއާގައި އެންމެ މަޝްހޫރު އެތުލީޓް ކަމުގައިވާ ރޮނާލްޑޯއަށް އިސްތިހާރުތަކާއި މާރކެޓް ކުރުމުން 55 މިލިއަން ޑޮލަރު ލިބިގެންދާއިރު، މިގޮތުން މެސީއަށް ލިބޭނީ 35 މިލިއަން ޑޮލަރެވެ.

މެސީއާއި އެކީ ޕީއެސްޖީއަށް ކުޅެމުންދާ ނޭމާ ހިމެނިގެންދަނީ، ދުނިޔޭގައި ހުރި 3 ވަނައަށް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށެވެ. އޭނާއަށް ލިބޭ އާންދަނީ އަކީ 95 މިލިއަން ޑޮލަރެވެ. މިލިސްޓުން 4 ވަނަ ހޯދާފައިވަނީ، ޕީއެސްޖީގެ ކުޅުންތެރިއެއް ކަމުގައިވާ ކައިލިއަން އެމްބަޕޭ އެވެ. އޭނާގެ އާމްދަނިއަކީ 43 މިލިއަން ޑޮލަރެވެ.

ދާދިފަހުން 4 އަހަރަށް އޭނާގެ ކޮންޓްރެކްޓް އާކޮށްފައިވާ ނޭމާރއަށް ދަނޑުން ލިބޭ އާމްދަނީ (75 މިލިއަން ޑޮލަރު) ރޮނާލްޑޯއަށްވުރެ އިތުރެވެ. އެހެންނަމަވެސް، އިސްތިހާރުތަކާއި މާކެޓިންގެ އިން ލިބޭ އާމްދަނީއަށް ބަލާއިރު ނޭމާރ އުޅެނީ ރޮނާލްޑޯއަށްވުރެ މާބޮޑަށްވެސް ފަހަތުގައެވެ. އެއީ 20 މިލިއަން ޑޮލަރެވެ.

ޖުމްލަކޮށް ބަލާއިރު، މިވަގުތު ދުނިޔޭގައި ތިބި އެންމެ ބޮޑު މުސާރައެއް ލިބެމުންދާ 5 ކުޅުންތެރިންގެ ތެރެއިން 3 ކުޅުންތެރި ތިބީ ޕީއެސްޖީގައެވެ. އަދި އެޓީމް ވަނީ، ކުރިޔަށް އޮތް ޗެމްޕިއަންސް ލީގްގެ ޓްރޮފީ ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމަށްޓަކާ ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ފަސް ކުޅުންތެރިންގެ ތެރެއިން 5 ވަނަ ހޯދާފައިވަނީ، ލިވަޕޫލްއަށް ކުޅެމުންދާ، މިސްރުގެ ފުޓުބޯޅަ ތަރި މުހައްމަދު ސަލާހުއެވެ. އޭނާގެ އާމްދަނީއަކީ 41 މިލިއަން ޑޮލަރެވެ.

ފޯބްސް މަޖައްލާއިން، ދުނިޔޭގެ އެންމެ ބޮޑު މުސާރަލިބޭ 10 ފުޓްބޯޅަ ކުޅުންތެރިން ހޮވާފައިވަނީ، ކްލަބްތަކާއި، ސްޕޮންސަރުންނާއި، ކުޅުންތެރިންގެ އޭޖެންޓުންނާއި، އިގްތިސާދީ ތަޖުރިބާކާރުންގެވެސް އެހީތެރިކަމާ އެކުއެވެ. އަދި މިމަޖައްލާއިން އަންދާޒާ ކޮށްފައިވާ ގޮތުގައި، ދުނިޔޭގައި މިވަތު ތިބި އެންމެ ބޮޑު މުސާރަލިބޭ ކުޅުންތެރިން، ޓެކްސް ހިމަނައިގެން 585 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެއެވެ. މިއީ ފާއިތުވެދިޔަ އަހަރުގެ މިއަދު ކަމުގައިވާ 570 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close