އަމިއްލަ ބިން އޮވެ ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ހޯދުމުގައި އެހީތެރިވުމަށް ތަޢާރަފުކުރި "ހެލްޕް-ޓު-ބިލްޑް" ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު އިޢުލާނުކޮށްފިއެވެ.
މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 2026 ނޮވެންބަރު 29 ވާ އާދީއްތަ ދުވަހު ހުޅުވާލާއިރު، ހުށަހަޅަން ޖެހޭނީ "ހިޔާވެހި ޕޯޓަލް" (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ މި ސްކީމް ކުރިއަށް ގެންދާނީ، ގެޒެޓުކޮށްފައިވާ އުސޫލު ނަންބަރު 30-ޖީ/2026 (ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމުގެ އުސޫލު) ގައިވާ ގޮތުގެ މަތިންނެވެ.
މާލީ ދަތިކަމުގެ ސަބަބުން ލޯނު ލިބުމުގައި އިކުއިޓީ ހަމަޖެއްސުމަށް ދަތިވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަކީ މި ސްކީމުގެ މައިގަނޑު މަޤްޞަދެވެ.
މި ސްކީމުގެ ދަށުން ގެދޮރު ބިނާކުރުމަށް ބިންތައް ތަރައްޤީކުރުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީގެ ގޮތުގައި ހިލޭ އެހީ ލިބޭނެއެވެ.
ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުޠުތަކާއި، އިވެލުއޭޓުކުރާ މިންގަނޑުތަކުގެ އިތުރުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު، ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލުން ބެލޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...