ކުޅިވަރުވޯލްޑްކަޕް-22

ވޯލްޑްކަޕް 2022: ޔޫއެސްއޭގެ ވަރުގަދަކަން އިންގްލެންޑަށް ދައްކާލައިފި


ފީފާ ވޯލްޑްކަޕްގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ)ގެ ވަރުގަދަކަން އިންގްލެންޑަށް ރޭ ދައްކާލައިފިއެވެ.


އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

މެޗުގައި ޔޫއެސްއޭއިން ކުޅުންވަރުގަދަކޮށް އިންގްލެންޑް ހިފެހެއްޓިއިރު، ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ،

މެޗުގެ ނުވަ ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ބުކަޔޯ ސަކާ ނެގި ހުރަސް، ހެރީ ކޭން ހުސްކޮށްހުރެ ފޮނުވާލި ނަމަވެސް އެމެރިކާގެ ޑިފެންސް ލައިނުން ވަނީ އެ ހަމަލާއަށް ހުރަސް އަޅާފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޔޫއެސްއޭ އަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ސާޖީނިއޯ ޑެސްޓް އިންގްލޭންޑުގެ އޭރިއާ ތެރެއަށް ނެގި ހުރަހަކުން ވެސްޓަން މެކެނީ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އިންގްލޭންޑުން ވަނީ ހަމަލާއެއް އުފައްދާފައެވެ. އެ ޓީމުގެ މޭސަން މައުންޓް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެމެރިކާގެ ކީޕަރު މެޓް ޓާނާއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި އިންގްލެންޑުގެ ކޭންއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. އެ ޓީމުން ނެގި ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗު އެއްވަރުވެގެން ނިމުނު އިރު ގްރޫޕް ބީގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ދެ މެޗު ކުޅެ ހަތަރު ޕޮއިންޓު ލިބިގެންނެވެ. އަދި އިރާން ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ދެ ޕޮއިންޓާއެކު ޔޫއެސްއޭ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތް ވޭލްސްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މީގެއިން އެއްވެސް ޓީމަކަށް އަދި ނުގެއްލެއެވެ.

މި ގުރޫޕުގައި ހިމެނޭ ޓީމުތަކުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުގެ 00:00 ގައެވެ. މި ހަތަރު ޓީމުގެ ކުރިމަތިލުން ފެނިގެންދާ ދެ މެޗުވެސް ކުޅޭނީ އެއް ގަޑިއެއްގައެވެ. އެގޮތުން އެއް މެޗުގައި އީރާން އާއި ޔޫއެސްއޭ ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ އިންގްލެންޑާއި ވޭލްސް އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close