އަތޮޅުތަކުގެ ރަށްރަށުގައި ޢާންމުކޮށް ދުއްވާ ތިން ފުރޮޅުލީ އުޅަނދު ނުވަތަ ރަށު ޕިކަޕުތައް ރަޖިސްޓްރީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ މައްސަލަ ޙައްލުކުރުމަށްޓަކައި ޚާއްޞަ ލުއިތަކެއް ދިނުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކުރި ގޮތުގައި، ރަށްރަށުގައި ބޭނުންކުރަމުންދާ މިފަދަ ގިނަ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި ވަނީ އެކަމަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުންނެވެ. މި ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން، ފަސިންޖަރުންނާއި މުދާ އުފުލަން ގެންގުޅޭ C3 އަދި C4 ގިންތީގެ ތިން ފުރޮޅުލީ އުޅަނދުތަކަކީ އަމިއްލަ ބޭނުމަށް ރަޖިސްޓްރީކުރެވޭ އެއްޗެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާއެކު އަމިއްލަ ފަރުދުންގެ ނަމުގައި މި އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް، މި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ އެންމެހައި ފީތައް ސަރުކާރުން ވަނީ މަޢާފުކޮށްދީފައެވެ.
މީގެއިތުރުން، އެތެރެކުރިތާ ގިނަ ދުވަސްވުމުގެ ސަބަބުންނާއި ރަޖިސްޓްރޭޝަން ލާޒިމުކުރުމުގެ ކުރިން އެތެރެކޮށްފައިވުމުން ލިޔެކިޔުން ގެއްލިފައިވާ އުޅަނދުތަކަށް ވެސް ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، މިފަދަ އުޅަނދުތަކުގެ ރޯޑްވާދިނަސް ނުވަތަ ދުއްވުމަށް އެކަށީގެންވާކަމުގެ ލިޔުމަށް އެކަނި ބަލައިގެން ވެސް ރަޖިސްޓްރީ ކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރާއްޖޭގެ ރަށްރަށުގައި ތަކެތި އުފުލުމަށާއި ކުދި ވިޔަފާރިތަކުގެ ބޭނުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަނީ ތިން ފުރޮޅުލީ ބެޓެރި ޕިކަޕުތަކެވެ. ނަމަވެސް އެތެރެކުރުމުގައި ހުރި ބައެއް އިދާރީ މައްސަލަތަކާއި ޤަވާޢިދުތައް އޮންނަ ގޮތުން، ގިނަ ޢަދަދެއްގެ ޕިކަޕު ޤަވާޢިދާ އެއްގޮތަށް ރަޖިސްޓްރީ ނުކުރެވި އެތައް އަހަރެއް ވަނީ ވެފައެވެ. ރައްޔިތުންނަށް ދިމާވެފައިވާ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވުމުގެ ގޮތުން، ބެޓެރި އޮޕަރޭޓްކުރާ ރަށު ޕިކަޕުތަކުން ނަގަމުން އައި 1800 ރުފިޔާގެ އަހަރީ ފީ އުވާލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން އިޢުލާނު ކުރައްވާފައެވެ. ސަރުކާރުން މިހާރު ގެނައި މި ބަދަލުތަކަކީ ރަށްރަށުގެ ޢާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދިމާވެފައިވާ ބޮޑު ތަކުލީފަކަށް ދާއިމީ ޙައްލެއް ގެނެސްދޭނެ ފިޔަވަޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...