ޚަބަރު ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހުޅުމާލޭ ވޯޓާ ޕާކުގެ މަސައްކަތް އަލުން ފަށައިފި

ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހުޅުމާލޭ ވޯޓާ ޕާކުގެ މަސައްކަތް އަލުން ފަށައިފި

ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ހުޅުމާލޭ ވޯޓާ ޕާކުގެ މަސައްކަތް އަލުން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ތަރައްޤީކުރަން ފަށައި އެތައް އަހަރެއް ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކާއި ހޮޓަލުގެ ޢަމަލީ މަސައްކަތް އަލުން ފަށައި، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން ޙާޞިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ނުވާނެ ކަމަށް ނިންމައި ދޫކޮށްލާފައި އޮތް މި މަޝްރޫޢު އަލުން ހިނގައިގަތުމަކީ މި ސަރުކާރުން ބަހަށްވުރެ ޢަމަލަށް އިސްކަންދޭ މިންވަރު ދައްކުވައިދޭ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ޕްލޭނެއް ނެތި ބޮޑެތި ޚަރަދުތަކެއް ކުރުމަށްފަހު ހުއްޓާލާފައި ހުރި އެތައް މަޝްރޫޢެއް މި ސަރުކާރުން މިހާރު ވަނީ ނިންމައި ޢާންމުންގެ ޚިދުމަތަށް ނެރެދީފައެވެ. އެގޮތުން 20 އަހަރުވީ ސިޓީ ހޮޓަލާއި، ހުއްޓިފައި ހުރި ރީތިގަސް އަދި ދި ގާޑަން މަޝްރޫޢުތައް ނިންމައި މިހާރު ބޭނުންކުރަން ފަށާފައިވާއިރު، އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ސިސްޓަމްތައް ވެސް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެއެވެ. މިއާއެކު އެޗްޑީސީގެ އެއްވެސް މަޝްރޫޢެއް މިހާރު ހުއްޓިފައި ނޯންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ޖުމްލަ 41,500 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ މި ޕާކާއެކު ހުޅުމާލޭގެ މޫނުމަތި ބަދަލުވެ، އިޤްތިޞާދަށް އާ ދިރުމެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން 500 އަށްވުރެ ގިނަ އައު ވަޒީފާ އުފެދިގެންދާއިރު، އޭގެ 85 އިންސައްތަ ޚާއްޞަކުރާނީ ދިވެހިންނަށެވެ. އަދި އޭގެ ތެރެއިން 45 އިންސައްތަ ވަޒީފާ އަންހެނުންނަށް ޚާއްޞަކުރެވޭނެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު 120 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކޮށް ވަޒީފާގެ މާހައުލަށް ނެރުމަކީ ވެސް މި މަޝްރޫޢުގެ މުހިންމު ލަނދުދަނޑިއެކެވެ.

އުމްރާނީ ތަރައްޤީގެ އިތުރުން ހުޅުމާލެއަކީ ޢާއިލާތަކަށް ދިރިއުޅެން ހިތްފަސޭހަ، ފެހިކަން ގަދަ މާހައުލަކަށް ހެދުމަށާއި، ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް ފުޅާކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޗްޑީސީން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް އެޅުމުގެ ޢަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ހުއްޓި، އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދަޢުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށް، ނުނިމި ގިނަ ދުވަސްވެފައިވާ މިފަދަ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމެވެ. އެގޮތުން މިއަދު އަލުން ފެށި މި މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއްގެ ގޮތުގައި ބެލެވެއެވެ.

ޓެގް

އެޗްޑީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.