ފަހު ވަގުތު އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނައަށް

ފަހު ވަގުތު ކައި ހަވާޓްޒް ވައްދާލި ލަނޑާއެކު ބްރެންޓްފޯޑްގެ މައްޗަށް ކުރި ހޯދައި އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއްމެ މިނެޓަކަށް ވެފައިވަނިކޮށް ހަވާޓްޒް ކާމިޔާބުކޮށްދިން މި ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އޭނަ ކާމިޔާބުކޮށްދިން ގޯލެކެވެ.
ރޭގެ އާސެނަލްގެ މި މޮޅާއިއެކު މިހާރު އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 13 މެޗުން 30 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީއެވެ. އެޓީމުވެސް 13 މެޗު ކުޅެފައިވާއިރު ލިބިފައިވަނީ 29 ޕޮއިންޓެވެ. ތާވަލުގެ 3 ވަނާގައިވަނީ ރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅެ 1-1 ން އެއްވަރުކުރި ލިވަޕޫލެވެ. ލިވަޕޫލުވެސް 13 މެޗު ކެޅެފައިވާ އިރު އެޓީމަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.
ރޭކުޅެވުނު އެންމެ ފޯރިގަދަ މެޗުގެ ގޮތުގައި ބެލެވުނު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗު 1-1 ން އެއްވަރުވެގެން ނިމުނުއިރު ސިޓީއަށް ލަނޑު ޖަހާދީފައިވަނީ މި ސީޒަނުގައި އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ ހާލަންޑެވެ. ލިވަޕޫލަސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައި އެލެކްސެންޑާ-އާނޯލްޑެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި މެންޔޫ އާއި އެވަޓަން ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ. މި މެޗުފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 21.30 ގައެވެ.


