ފުރަތަމަ ޑިގްރީ ފުރިހަމަކޮށްގެން މަސައްކަތުގެ މައިދާނަށް ނުކުންނަން ބޭނުންވާ ހުރިހާ ޒުވާނުންނަށް، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ވަޒީފާގެ ދޮރުތައް ހުޅުވާލުމަށް ބާއްވާ "ވަރަ އެކްސްޕޯ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ކުރިއަށް އޮތް ދެ އަހަރަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން، ކިޔަވައިގެން ތިބި ޒުވާނުންނަށް ފަޚުރުވެރިކަމާއެކު އަދާކުރެވޭނެ ވަޒީފާތައް ހޯދައިދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް އަމާޒު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށާއި، ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް އަދި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މިފަދަ އިޖުތިމާޢީ މައްސަލަތައް އެއްކޮށް ހައްލުކުރެވޭނީ ޒުވާނުންނަކީ އުފެއްދުންތެރި، ހުނަރުވެރި އަދި ޒިންމާދާރު ވަޒީފާތަކެއްގައި ދެމިތިބޭ ބަޔަކަށް ހަދައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާގެ އަމާޒަކީ ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމާއެކު، ޓެކްނޮލޮޖީ އާއި ޒަމާނީ ދާއިރާތަކުން ޒުވާނުން ކުރިއަށްދާނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި ވަޒީރު ހާމަކުރެއްވިއެވެ. ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ކުރިއަށްގެންދާ "ވަރަ އެކްސްޕޯ" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...