ކުރިއަށް އޮތް ދުވަސްތަކުގައި ހިސާރުކޮށްފައިވާ ޣައްޒާއަށް އަރާނެ ކަމަށް ލަފާކުރެވޭ ބާރުގަދަ ތޫފާނެއްގެ ސަބަބުން، ގެދޮރު ގެއްލި ޓެންޓުތަކުގައި ބޯހިޔާވަހިކަން ހޯދަމުންދާ 1.76 މިލިއަން ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ސިޓީގެ ސަރުކާރުގެ މީޑިއާ އޮފީހުން ދީފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް އަލް-ތަވާބްތާ ވިދާޅުވީ، މި ތޫފާނާއެކު ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވާން އުޅެނީ ބޮޑު އިންސާނީ ކާރިސާއެއް ކަމަށެވެ. އަދި މިފަދަ ނާޒުކު ހާލަތެއްގައި އެތައް ހާސް އާއިލާއެއް ނުރައްކަލަށް ހުށަހެޅިފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން އެއްވެސް ކަމެއް ނުކޮށް ހަނުތިބި ކަމަށް ވިދާޅުވެ އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސާލް ވިދާޅުވި ގޮތުގައި، ބޯކޮށް ވާރޭވެހި ގަދަ ވައިޖެހެން ފެށުމުން ޓެންޓުތަކުގައި ފެންބޮޑުވެ، އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކުގެ ދިރިއުޅުން އިތުރަށް ބިކަވެގެންދާނެއެވެ. މީގެ އިތުރުން، ޓެންޓުތަކުން ޖާގަ ނުލިބޭ ބައެއް މީހުން ދިރިއުޅެމުންދަނީ ހަމަލާތަކުގައި ގެއްލުންވެ، ކޮންމެ ވަގުތަކުވެސް ވެއްޓިދާނެ ފަދަ ބިރުވެރި ހާލަތެއްގައި ހުރި އިމާރާތްތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިނިމޫސުމުގެ ގަދަ ފިނި ފެށިފައިވާއިރު، ޓެންޓުތައް ހޫނުކުރާނެ އެއްވެސް ގޮތެއް ނެތުމުގެ ސަބަބުން ފިނީގެ ޝިކާރައަކަށްވެ އެތައް ހާސް ކުޑަކުދިންނެއް މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ބަސާލް އިންޒާރު ދެއްވިއެވެ. އެހެންކަމުން، ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން ފަދަ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ އާދޭހާއެކު ގޮވާލައްވާފައެވެ.
އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ޣައްޒާގެ އާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް އެއްކޮށް ސުންނާފަތިވެފައިވާއިރު، ގިނަ ބަޔަކު އަދިވެސް ދިރިއުޅެމުންދަނީ ވާރެއާއި ފިނިން ސަލާމަތްނުވެވޭ ވަރަށް ބާވެ ވީދިފައިވާ ޓެންޓުތަކުގައެވެ. ޣައްޒާގެ މީޑިއާ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ހަވަނަ ދުވަހު އެ ސަރަހައްދަށް އެރި ތޫފާނެއްގައިވެސް 70،000 އަށްވުރެ ގިނަ ޓެންޓުގައި ވަނީ ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ޓެންޓުތައް މަރާމާތުކުރުމަށާއި ވަގުތީ ހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ލަކުޑިއާއި ސިމެންތި އަދި ޓިނު ފަދަ އަސާސީ ތަކެތި ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ދަނީ ގަސްދުގައި ހުރަސްއަޅަމުންނެވެ. އދ. އާއި އިންސާނީ އެހީދޭ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި ފިނިމޫސުމުގެ މި ދަތި ދުވަސްވަރު ޣައްޒާގެ ގާތްގަނޑަކަށް 294،250 އާއިލާއަކަށް ވަނީ އަވަސް ބޯހިޔާވަހިކަމުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...