އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކޮށްފި

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓުގެ ޖުމްލަ އަދަދަށް ބޮޑު އުނިއިތުރެއް ނުގެނެސް ފާސްކުރެވުނު މި ބަޖެޓަށް، ނެގި ވޯޓުގައި 74 މެންބަރުން ތާއީދުކުރެއްވިއިރު، 12 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 64,202,565,720 ރުފިޔާއެވެ. މި ބަޖެޓުގައި 40.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ބަޖެޓު ނުވަ ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ލަފާކުރެވޭއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ބަޖެޓުގައި ހިމަނާފައެވެ.
ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ ޖުމްލަ 49.2 ބިލިއަން ރުފިޔާއެވެ. މީގެތެރޭގައި 39.9 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދަށް ހިމެނޭއިރު، 9.3 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އަދަދެއް ކަމަށްވާ 9.3 ބިލިއަން ރުފިޔާ، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ވަނީ ޚާއްސަކޮށްފައެވެ.
މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ.

