ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު، މުހިންމު 24 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އާންމު އުސޫލުން މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި މެއި މަހުގެ 16 އިން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާންޖެހުނު ނަމަވެސް، ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމާ ގުޅިގެން އެ ދައުރު ވަނީ މެއި 31 ގެ ނިޔަލަށް ދަންމާލާފައެވެ. އަދި ދައުރުތަކުގެ ދެމެދުގައި އޮންނަ ޗުއްޓީއަށް ނުގޮސް، ޖޫން މަހުގެ ފުރަތަމަ ދުވަހު ވަނީ ދެވަނަ ދައުރުގެ ޖަލްސާތައް ވަގުތުން ފަށާފައެވެ.
މަޖިލީހުން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ދަންމާލި ފުރަތަމަ ދައުރުގެ ތެރޭގައި 10 ބިލެއްގެ މަސައްކަތް ނިންމާފައިވާއިރު، ދެވަނަ ދައުރުގެ ތެރޭގައި އިތުރު 14 ބިލެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން މިހާރު މަޖިލީހުގައި ނުނިމި އޮތީ 23 ބިލެއްގެ މަސައްކަތް ކަމަށާއި، އޭގެ ތެރެއިން 21 ބިލެއް ކޮމިޓީ މަރުހަލާގައި އަދި ދެ ބިލެއް މަޖިލީހުގެ ތަޅުމުގައި އޮތް ކަމަށްވެސް އެ ހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ދެ ދައުރުގެ ތެރޭގައި ފާސްކުރި މުހިންމު ޤާނޫނުތަކުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ބިލުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކާއި، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ އިތުރުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއި، އެއްގަމު ދަތުރުފަތުރުގެ ބިލު އަދި ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު ހިމެނެއެވެ.
ޤާނޫނު ހެދުމުގެ މަސައްކަތްތަކުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 96 ސުވާލެއްގެ މަސައްކަތް މި މުއްދަތުގައި ވަނީ ނިންމާފައެވެ. އަދި މިވަގުތު ނުނިމި ބާކީ އޮތީ ވަޒީރުންނާ ކުރަން ހުށަހަޅާފައިވާ 59 ސުވާލެއްގެ މަސައްކަތެވެ.
މީގެ އިތުރުން ފުރަތަމަ ދައުރުގައި 2 ޤަރާރާއި، ސަރުކާރުގެ 13 މައްސަލައަކާއި، މެންބަރުންގެ 2 މައްސަލައެއް ނިންމާފައިވާއިރު، ދެވަނަ ދައުރުގައި 4 ޤަރާރާއި، ސަރުކާރުގެ 17 މައްސަލައަކާއި، މެންބަރުންގެ 2 މައްސަލައިގެ އިތުރުން 2 ޕެޓިޝަނެއްގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު މި ދެ ދައުރުގެ ތެރޭގައި މަޖިލީހަށް އެކި ގޮތްގޮތުން ހުށަހެޅުނު 215 މައްސަލައިގެ ތެރެއިން 106 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާލެވިފައިވާއިރު، އެކި މަރުހަލާތަކުގައި މިހާރު ނުނިމި އޮތީ 109 މައްސަލައެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...