ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ގަސްދުގައި ސައިކަލަކުން ޖައްސައި ޒަޚަމްކޮށްލި ނަމަވެސް، ފުލުހުންނަށް ކުރިމަތިކުރާ އެއްވެސް ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުމަކަށް ފަސްނުޖެހި ޤާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގީ މިއަދު ފަތިހު 4:29 ހާއިރު ހައިވޭގެ ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ބެރިކޭޑު ފޫއަޅުވާލައި ފުލުސް މީހާގެ ގައިގައި ޖެއްސުމުގެ ސަބަބުން، އޭނާގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތައް ބިންދައިގެން ގޮސްފައިވެއެވެ. އަނިޔާވި އޮފިސަރަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އަމަލު ހިންގި ސައިކަލުގައި ތިބި ދެ މީހުންނާއި، މިކަމުގައި ބައިވެރިވި އިތުރު ސައިކަލަކާއި ދެ މީހަކު ހިމެނޭހެން ޖުމްލަ ހަތަރު މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ސީޕީ ވިދާޅުވީ، މިއީ މަގުމަތީގެ ނުރައްކާތެރި ދުއްވުންތައް ހުއްޓުވަން ފަށާފައިވާ އޮޕަރޭޝަން ހުއްޓުވައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން ބަޔަކު ގަސްދުގައި ރާވައިގެން ހިންގި ކަމެއް ކަމަށެވެ.
ފުލުހުންގެ މަސައްކަތް ހުއްޓުވުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް ޖެހިލުންނުވާނެ ކަމަށާއި، ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެއިތުރުން، މިފަދަ ނުރައްކާތެރި ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...