މާލޭގެ މަގުމަތި ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ ޕެޓްރޯލް އޮޕަރޭޝަންތަކުގެ ތެރެއިން، ސައިކަލުތަކުގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށްގެން ވައްކަންކުރުމާއި ވަގު ސައިކަލު ދުއްވި މައްސަލަތަކެއްގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނަކާއި ސްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފަތިހު 3:55 ހާއިރު ކާނޭޝަން މަގުގެ ގޯޅިއެއްގެ ތެރޭގައި ތުހުމަތުކުރެވޭ ގޮތަކަށް އުޅެނިކޮށް ފެނިގެން ހުއްޓުވާފައިވަނީ 45 އަހަރުގެ ދެ މީހަކާއި 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހުން ވަނީ ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން އެ ސައިކަލު ވަގަށް ނަގަން މަސައްކަތްކޮށްފައެވެ.
އޭގެ ތެރެއިން އެކަކު ސައިކަލު ނެރެން އުޅެނިކޮށް ސުވާލުކުރުމުން އެއީ އޭނާގެ އާއިލީ މީހެއްގެ ސައިކަލެއް ކަމަށް ބުނެ އޮޅުވާލަން އުޅުނު ނަމަވެސް، ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް އިންޖީނު ނަންބަރު ޗެކްކުރުމުން އެއީ ސައިކަލުގެ އަސްލު ނަންބަރު ނޫންކަން ވަނީ އެނގިފައެވެ. އަދި އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ އެ ސައިކަލުގެ އަސްލު ނަންބަރު ބޯޑު ފެނުމާއެކު، އެ ތިން މީހުން ހައްޔަރުކޮށް، ވައްކަން ކުރަން ބޭނުންކުރި ތަޅުދަނޑިއާއެކު ސައިކަލު ވަނީ ޓޯކޮށްފައެވެ.
މީގެ އިތުރުން ދަންވަރު 2:14 ހާއިރު ލޮނުޒިޔާރަތް މަގުން ވަންވޭއާ ޚިލާފަށް ސައިކަލު ދުއްވާފައި ދަނިކޮށް ހުއްޓުވާފައިވަނީ 29 އަހަރާއި 25 އަހަރުގެ ސްރީލަންކާ ދެ ފިރިހެނުންނެވެ. ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި ލައިސަންސް ނެތުމުން ސައިކަލު ޓޯ ޔާޑަށް ގެންގޮސް އިތުރަށް ބެލިއިރު، އެ ސައިކަލުގައި ހުރި ނަންބަރު ބޯޑާއި އިންޖީނު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވުނެވެ.
ފުލުހުންގެ ސިސްޓަމް މެދުވެރިކޮށް ބެލިބެލުމުން އެއީ ކުރިން ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވުމުން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...