ރާއްޖޭގެ ވެރިކަން ހިންގަންވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުވެރިކަމަށް ފުރިހަމަ ޖާގަ ދީގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވީ މާލެއާއި ވިލިމާލޭގެ އުމްރާނީ ތަރައްގީއަށް ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމަށް ހަގީގީ ތަރައްގީ ގެނެވޭނީ ކައުންސިލްތަކުގެ އިހުތިސާސާއި މާލީ ބާރުތައް ހަނިނުކޮށް، އެ ބާރުތައް ދޫކޮށްލައިގެންނެވެ. އެހެންނަމަވެސް، އެއްފަހަރާ މިހާ ގިނަ ބިންތަކެއް ސަރުކާރަށް ނަގަން ނިންމިއިރު، އޭގެ ތަފްސީލީ ބޭނުން ހާމަނުކުރުމާއި ކައުންސިލާ މަޝްވަރާކޮށްފައި ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ.
މި މައްސަލައިގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މި ބިންތަކުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އެކަން ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ހުޅުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ނިންމުމަކީ ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލުން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...