ޚަބަރު

ނޫސްވެރިކަމުގެ އެވޯޑުގެ ސަޕޯޓިން ޕާޓުނަރަކަށް ސައުދީ އެމްބަސީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ސަޕޯޓިން ޕާޓުނަރަކަށް ސައުދީ އެމްބަސީ ވެއްޖެ އެވެ.
އެކަމުގެ އެއްބަސްވުމުގައި ސައުދީ އެމްބަސީ އާއި މީޑިއާ ކައުންސިލާއި ދެމެދު ސޮއިކޮށްފައި ވެއެވެ.

މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު ޝަފާއު ހަސަން ”ސީއެންއެމް“ އަށް ވިދާޅުވީ، މިއަހަރު ބާއްވާ ”ނޫސްވެރިކަމުގެ އިނާމް 2021“ ގެ ސްޕޮންސަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ވެވުނު އެއްބަސްވުމުގެ އިތުރުން ކުރިއަށް އޮތް ތާގައިވެސް އެ އިނާމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްބަސީގެ ބޭފުޅުން ވިދާޅުވި ކަމަށެވެ.

”ސައުދީ އެމްބަސީން ސްޕޮންސަ ދެއްވީ ނޫސްވެރިކަމުގެ އިނާމަށް ސަޕޯޓިން ޕާޓުނަރެއްގެ ގޮތުގައި ދެން އެބޭފުޅުން ވިދާޅުވި ކުރިއަށް އޮތް ތަނުގައިވެސް މީޑިއާ ޑިވިލޮޕްމެންޓަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ސައުދީން ދޭނެމޭ. އޭގެތެރޭގައި ނޫސްވެރިނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން ވެސް ހިމެނޭ،“ ޝަފާއު ވިދާޅުވި އެވެ.
ނޫސްވެރިންނަށް ތަމްރީންގެ ޕްރޮގްރާމުތައް ހޯދައިދިނުމަށް މީގެ ކުރިންވެސް ސައުދީ އާއިއެކު ވަނީ ވާހަކަދެކެވިފައެވެ. މިއަދު ޝަފާއު ވިދާޅުވީ، ނޫސްވެރިކަމުގެ އިނާމަށް ސައުދީން މިއަދު ދިން ސޮޕަންސައަކީ އޭގެ ފެށުމެއް ކަމަށެވެ.

ސައުދީގެ އިތުރުން މި އިނާމުގެ ސްޕޮންސަރުންގެ ގޮތުގައި މިހާތަނަށް ތިން ފަރާތަކާއި ދެމެދު ވަނީ މީޑިއާ ކައުންސިލުން ސްޕޮންސަ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އޭގެތެރޭގައި ދިރާގު އަދި އޫރިދޫ ހިމެނެ އެވެ. ޝަފާއު މިއަދު ވިދާޅުވީ ބާކީ ތިބި ޕާޓުނަރުންނާއިއެކު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ސޮއިކޮށް ނިމޭނެ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ހަފްލާ މިއަހަރު ބާއްވަން ނިންމާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރުގެ ތެރޭގައެވެ. މި އިނާމަށް ހުޅުވާލި ފުރުސަތު މިހާރު ބަންދުވެފައިވާއިރު، 12 ދާއިރާއަކުން 82 ހުށަހެޅުން މިއަހަރު ވަނީ ލިބިފައި ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. މިދިޔަ އަހަރުގެ އެވޯޑަށް 87 ހުށަހެޅުން ލިބުނެއެވެ.

މީޑިއާ ކައުންސިލުން ވަނީ މި އަހަރުގެ އެވޯޑަށް އަލަށް ދެ ކެޓަގަރީއެއް އިތުރުކޮށްފައެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close