މައްސަލަ ބަލާލީމާ އެނގޭނީ ކޮން ބައެއްކަން ވަގުންނަކީ، ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި: ރައީސް ޔާމިން
އަސްލު ވަގުންނަކީ ކޮންބައެއްކަން އެނގޭނީ މައްސަލަ ބަލާލީމާ ކަމަށާއި، ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ އިހަވަންދޫގައި އޮތް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި ޕީޕީއެމްގެ ބޮޑު ޖަލަސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، ހަގީގީ ވަގުންނަކީ ކޮން ބައެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެކަ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލް ކަމަށްވާ ހއ. އިހަވަންދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ބޮޑެތި ވަގުން ތިބީ އެމްޑީޕީގައި ކަމަށެވެ. ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އަސްލު މީހުން ހާމަކުރެއްވުމަކީ އެ މަނިކުފާނުގެ އެންމެ އިސްކަން ދެއްވާނެ އެއް ކަންތައް ކަމަށެވެ.
“އަޅުގަނޑަށް މި ފުރުސަތު ލިބިއްޖެ ކަމަށްވާ ނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކޮބައިތޯ ފައިސާ ނަގާފައި ތިބި ބަޔަކީ ކޮބައިތޯ ވައްކަން ކޮށްފައި ތިބި ބަޔަކީ ކޮބައިތޯ ކޮރަޕްޝަން ހިންގާފައި ތިބި ބަޔަކީ އަޅުގަނޑު ބޭނުންވޭ އެކަން ހާމަކުރަން. މީހުންނާ ދިމާލަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލާލީމާ އެނގޭނީ ކޮން ބައެއްކަން ވަގުންނަކީ. ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގައި،”
ޔާމީންގެ އުތުރު ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. އިހަވަންދޫއަށެވެ. މި ދަތުރުފުޅުގައި ހއ. ގެ އިތުރު 4 ރަށަކަށް އެ މަނިކުފާނު ވަޑައިގަންނަވާނެއެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާއިރު އެ މަނިކުފާނުވަނީ މީގެ ކުރިން ދ. އަތޮޅު ކުޑަހުވަދޫއަށްވެސް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.



