ރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ޒަމާންވީ އަޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ވެރިރަށް ދޯހާގައި ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.
ލޫސައިލް ގަނޑުވަރުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިން ތިބީ ޤަޠަރުގެ ރައްޔިތުންނާ އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ދެ ބޭފުޅުންގެ މެދުގައި ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިމަގުގައި އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކޮށް، އާ އުސްމިންތަކަކަށް ގެންދިއުމަށް ދެ ސަރުކާރުންވެސް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.
ރައީސް މުޢިއްޒު ޤަޠަރަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ، އެ ޤައުމުގެ ކުރީގެ އަމީރުގެ ދައުރުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ދެއްވާފައިވާ އަގުނުކުރެވޭފަދަ އެހީތެރިކަމާއި، ބަހައްޓަވާފައިވާ ގާތްކަމުގެ ހަނދާންތައް އައުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.
ޚާއްޞަކޮށް ޤަޠަރު އެއަރވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ލާމު އަތޮޅުގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ބިނާކުރުމުގެ އިތުރުން، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކޮށްދެއްވުން ފަދަ ޢުމްރާނީ އަދި އިޖުތިމާޢީ އެތައް މަޝްރޫޢުތަކެއް ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...