ޚަބަރު ރަސްމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދައުލަތުގެ ބާރަށް އެއްވެސް ހުރަހެއް ނެތް: މިނިސްޓަރު އިޙްސާން

ރަސްމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދައުލަތުގެ ބާރަށް އެއްވެސް ހުރަހެއް ނެތް: މިނިސްޓަރު އިޙްސާން

ރަސްމާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދައުލަތުގެ ބާރަށް އެއްވެސް ހުރަހެއް ނެތް: މިނިސްޓަރު އިޙްސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ވަޙްދަތަށް ނުރައްކާވާނެ ކަމަށާއި، ދިވެހި ސަލާމަތީ ބާރުތަކުގެ ބަދަލުގައި އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރަށް ދޫކޮށްލާފައިވާ ކަމަށް ބުނެ ޒަމްޒަމް ފާރިޝް މީސްމީޑިއާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ގާނޫނީ ހުކޫމަތު އެއްވެސް އުނިކަމެއް ނެތި ފުރިހަމައަށް ހިނގާނެ ކަމަށެވެ. އަދި ދައުލަތުގެ ބާރު ނުހިނގާނެ ފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން ނުނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ފަތުރުވެރިކަމަށާއި އެކި ސިނާޢީ ބޭނުންތަކަށް ދޫކޮށްފައިވާ 200 އަށް ވުރެ ގިނަ ރަށުގައި ވެސް އެތެރޭގެ އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ ރަށެއް ހިންގާ ފަރާތްތަކުން އަމިއްލައަށެވެ. އެހެންނަމަވެސް، ގާނޫނީ ވާޖިބު އަދާކުރަން ޖެހޭ ކޮންމެ ހާލަތެއްގައި ފުލުހުން އެތަންތަނަށް ވަދެ ފިޔަވަޅު އަޅާ ފަދައިން ރަސްމާލޭގައި ވެސް ފުލުހުންގެ ބާރު ހިނގާނެ ކަމަށާއި، ބޭނުންވެއްޖެ ނަމަ އެ ރަށުގައި ފުލުހުން ގާއިމުވެ ތިބެގެން ވެސް ހިދުމަތް ދޭނެ ކަމަށް ވިދާޅުވިއެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މިފަދަ ކަންކަމުގައި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުން ދުރުހެލިވުމަށާއި، ކަމުގެ ހަގީގަތް ކަމާބެހޭ ރަސްމީ އިދާރާތަކުން ސާފުކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޓެގް

އަލީ އިޙްސާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.