މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް އާޓިފިޝަލް ބީޗު ހިމެނޭހެން މުހިންމު 14 ބިމެއް ސަރުކާރަށް ނެގީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ރޭ ނިންމައިފިއެވެ.
މިގޮތަށް ނިންމީ ކައުންސިލްގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ބައިވެރިވުމާއެކު ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
ހައުސިންގ މިނިސްޓްރީން މި ބިންތައް ދައުލަތަށް ނެގީ މާލޭ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީއަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށް ބުނެފައިވީ ނަމަވެސް، ކައުންސިލުން ބުނަނީ އެއީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ބިމާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން މަޝްރޫޢުތަކަށް ބިން ނެގޭނީ ކައުންސިލާ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއިން އެއްވެސް އިޖުރާއާތެއް ފުރިހަމަކޮށްފައި ނުވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް ހުރިހާ ބާރެއް ސަރުކާރުގެ މުށުތެރެއަށް ޖަމާކުރުމުގެ ޢަމަލެއް ކަމަށެވެ. އަދި ބިންތައް ނެގުމުން ކައުންސިލަށް ލިބޭ އާމްދަނީ ބަންދުވެ، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އާޒިމް ވިދާޅުވީ، މި ނިންމުމަކީ ސިޓީ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ވޯޓު ނުދިނުމުން ރައްޔިތުންނަށް ޖެއްސުންކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ކިތަންމެ ދަތިތަކެއް ކުރިމަތިކުރުވި ނަމަވެސް، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން މޭޔަރު ދެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...