ޚަބަރު

އަންނަ އަހަރު ކުރީކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ – ޑރ.ނަޒްލާ

މިއަންނަ އަހަރު ކުރީކޮޅު ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް އުންމީދުކުރެވޭކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފަރާތުން ދަރުބާރުގޭގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޒްލާ ވިދާޅުވީ، ވެކްސިން މިއަންނަ އަހަރުގެ ކުރީކޮޅު ލިބޭނެކަމަށް އުންމީދުކުރެވޭ ކަމަށާއި މިދުވަސްވަރު ވެކްސިން ރޯލްއައުޓް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

“ވެކްސިންވެސް ހަމަ އިރާދަކުރެއްވިއްޔާމުން މިއަންނަ އަހަރު ކުރީކޮޅުގައި ލިބޭނެކަމަށް އުންމީދު ކުރަނީ އެހެންވީމާ މިދުވަސްވަރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ވެކްސިން ރޯލްއައުޓް ކުރަންވެސް އެއީ އިތުރު އައުޓުބުރޭކެއް އައިސިއްޔާމުން ވަރަށް އުނދަގޫވާނެ” ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، މިދިޔަ ހަތަރު ހަފްތާގެ ފުލޫ ކުލިނިކުގެ ޕޮޒިޓިވިޓީއަށް ބަލާއިރު ޕޮޒިޓިވުވާ ނިސްބަތް އިތުރުވަމުންދާތަން ފެއްނަ ކަމަށާއި މިގޮތުން ހަތަރުހަފްތާކުރިން ހަ ޕަސެންޓު ޕޮޒިޓިވިޓީ ދައްކާއިރު އެންމެ ފަހުހަފުތާގައި 11 ޕަސެންޓު ފުލޫކުލިނިކަށް ދާމީހުންގެ ނަގާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވިޓީ ދައްކާ ކަމަށެވެ.

މި ތަފާސްހިސާބުތަކާއެކު ކޮވިޑް-19 އިތުރަށް ފެތުރުމުގެ ބިރުވެރިކަން އޮތުމުން ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރުން ވަރަށް މުހިންމު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެއް ކޮމެންޓް

  1. شکرا—–ނަޒުލާ އަށް ދަންނަވަން އޮތީ އަރިދަފުސް ރޯގާ އަށް ޢަބި ބަހުން ކިޔާ އެއްޗަކާ މެދު ވިސްނަވާ ލައްވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close