ޚަބަރު

ޑެންގީއާއި އާންމު ރޯގާތަކުގެ ކޭސްތައް ޖޫން މަހު ދަށްވެއްޖެ

މިދިޔަ ޖޫން މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި މެއި މަހު 794 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 652 އަށް ތިރިވެފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ރިޕޯޓްކުރި 168 ކޭހާ އަޅާބަލާއިރު އަދިވެސް ނިސްބަތުން މަތީ އަދަދެކެވެ.

ޑެންގީގެ އިތުރުން، އާންމުކޮށް ފެތުރޭ އެހެނިހެން ބައެއް ރޯގާތަކުގެ ކޭސްތައް ވެސް ޖޫން މަހުގެ ތެރޭގައި ވަނީ ދަށްވެފައެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިގެން މެއި މަހު 40,457 މީހުން ރިޕޯޓްކުރިއިރު، ޖޫން މަހު އެ އަދަދު ވަނީ 34,877 އަށް މަދުވެފައެވެ. އަދި އިންފްލުއެންޒާ އަށް ޓެސްޓްކުރި މީހުންގެ ތެރެއިން ޖޫން މަހު ޕޮޒިޓިވްވެފައިވަނީ 142 މީހުންނެވެ. މިއީ މެއި މަހު ޕޮޒިޓިވްވި 681 މީހުންނާ އަޅާބަލާއިރު ބޮޑުތަނުން ދަށްވުމެކެވެ. މީގެ އިތުރުން، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވެސް ވަނީ މެއި މަހުގެ 4,726 ކޭހުން ޖޫން މަހު 4,442 ކޭހަށް ތިރިވެފައެވެ.

ކޭސްތައް މަދުވަމުންދިޔަ ނަމަވެސް، ރޯގާތަކުންނާއި ޑެންގީއިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބޭރަށް ހިންގުމާއެކު އާދަޔާ ޚިލާފަށް ކަރުހިއްކުން، ބޮލަށް އެނބުރުން އެރުން، ވަރުދެރަވުން، ކުޑަކަމުދެވޭ މިންވަރު މަދުވުން، ގިނައިން ހޮޑުލެވުން ނުވަތަ ހޮޑާއި ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގާނަމަ، ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close