މިސްކިތަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލީ ހާލު ގޯސްވެދާނެތީ – ފުލުހުން
އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑު ކަމުދިޔަ މީހާ ދޫކޮށްލީ ބަންދުގައި ބަހައްޓައިފިނަމަ ހާލު ގޯސްވެދާނެތީ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު މަސްޖިދުލް އަމާނި ކިޔާ މިސްކިތައް ބޮޑުކަމުދިޔަމީހާ ބަންދުން ދޫކޮށްލީ އެ މީހާ ބަންދުގައި ބަހައްޓައިފިނަމަ ހާލު އިތުރަށް ގޯސްވެދާނެ ކަމަށް ޑޮކްޓަރުން އިރުޝާދު ދިނުމުންނެވެ. އަދި އެ މީހާ ދައްކައިފާ ވަނީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރަކަށް ކަމަށްވެސް ފުލުހުންގެ އޮފިސަރު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު އިތުރަށް ވިދާޅުވީ އެ މީހާ އެ ދުވަހު އާއިލާއާ ހަވާލުކޮށް ރަނގަޅަށް ބެލެހެއްޓުމަށް ނަސޭހަތްތެރި ވެފައި ވާ ކަމަށެވެ.
ހަމަ އެ ދުވަހު އައްޑޫ ސިޓީ މަސްޖިދުލް ނަސްރި އަށް ވަދެ ބަޔަކު އެތަނަށް ގެއްލުން ވެސް ދީފައި ވެއެވެ.
މިސްކިތަށް ބޮޑުކަމުދިޔަ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 47 އަހަރުގެ ފިރިހެނެކެވެ. މީގެ ކުރިން މިސްކިތް ތަކަށް ކުޑަކަމުގޮސް އަދި އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި މީހަކު ވަނީ ޖަލަށް ވެސް ލައިފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު އެ މައްސަލައިގައި ހަސަން ޒިޔާދު ކިޔާ މީހަކު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމުދިއުމާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި އޭރު އޭނާ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން މީގެ ކުރިން ބުނީ ޒިޔާދަކީ ސިކުނޑިހަމަނުޖެހޭ މީހެއް ކަމަށެވެ. ނަމަވެސް ޖެންޑާއިން އޭނާގެ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށް ބުނެފައި އޮއްވާ އޭނާ މިސްކިތަކަށް ވަދެ ހަތީމަނަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ދެން ދުލެއް ނުކުރެއެވެ.
