ޚަބަރު

ފަތުރުވެރިން ފިޔަވައި ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީނު ކުރަން ނިންމައިފި

ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ފިޔަވައި ރާއްޖެއަށް ވައިގެ މަގުން އަންނަ އެންމެން ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ނެރެފައިވާ އެންގުމެއްގައި ވަނީ، ރިސޯޓުތަކަށް ޗެކިންވާ ފަތުރުވެރިން ފިޔަވައި، ދިވެހިން ހިމެނޭހެން ރާއްޖެއަށް އަންނަ ހުރިހާ ފަރާތްތައްވެސް، ސަރުކާރުން ކަނޑައަޅާ ވަކި ޚާއްސަ ތަނެއްގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގި އެންގުމުގައި ވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިން ފިޔަވައި އެންމެން ކަރަންޓީނު ކުރުމަށް ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށް ނިންމާފައި މިވަނީ، ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުންނެވެ. މި ވައިރަސް ރާއްޖެއިން ފެނި، ފެތުރިދާނެ ކަމުގެ ނުރައްކާ ކުރިމަތިވެފައި ވަނިކޮށް ރާއްޖޭގައި ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް، ރިސޯޓުތަކަށްދާ ފަތުރުވެރިން ފިޔަވައި އެންމެން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ކުރިން ވަނީ ގައުމުތަކުން ރާއްޖެއަށް ސަފާރީ އާއި ކަނޑުމަގުން އަންނަ އެނޫންވެސް އުޅަނދު ދަތުރުކުރުމާއި ރާއްޖޭގައި ބަނދަރުކުރުން މަނާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close