މިފްކޯއިން މަސް ގަންނަ އަގު މަތިކޮށްފި: މިއަދު ކިލޯއެއް 20 ރުފިޔާއަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދުން ފެށިގެން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއީ މި ހަފްތާގެ އާދިއްތަ ދުވަހު މަސް ކިލޯއެއް ގަންނަމުންދިޔަ 18.50 ރުފިޔާއާ އަޅާބަލާއިރު 1.50 ރުފިޔާގެ ކުރިއެރުމެކެވެ. މި ބަދަލު ގެނެސްފައިވާކަން އެ ކުންފުނިން ވަނީ “އެކްސް” މެދުވެރިކޮށް މިއަދު ހާމަކޮށްފައެވެ.
މިފްކޯއިން ބުނިގޮތުގައި، ކުންފުނީގެ ހުރިހާ ސެންޓަރުތަކެއް ކަމަށްވާ ފެލިވަރު، ކޫއްޑޫ، އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ފުވައްމުލައް އަދި އިހަވަންދޫގައި ގާއިމްކޮށްފައިވާ ބޯޓުފަހަރުތަކުން ވެސް މިއަދު މަސް ގަންނާނީ މި އާ އަގުގައެވެ. ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ދަށްވެފައިވުމާއެކު، ބާޒާރުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މަސް ގަންނަ އަގަށް ދަނީ ބަދަލުތައް ގެންނަމުންނެވެ.
މި ބަދަލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
